މި ދުވަސްކޮޅު ވައިބާ ހުޅުވާލިޔަސް ފެންނަނީ މާހެފުމެއްގެ ވާހަކަައެވެ.
ފޭސްބުކް ޕޭޖްތަކާއި މީސްމީހުންގެ ޓައިމްލައިންތަކުގައި ވެސް މާހެފުމެވެ. ޓުވިޓާ އަދި އިންސްޓަގްރާމްގެ ހާލަކީ ވެސް މި އެވެ. މުޅި އޮޑިގައި ހަސަނުގެ ދެފައި ހެން މުޅި މީސްމީޑިޔާގައި މާހެފުމެވެ. އެހެން ވީމާ މާހެފުމުގެ ވާހަކަަ ނުދައްކާ ހަމަ ކެތްނުވީއެވެ.
މާހެފުމަކީ ރަމަޟާން މަހަށް މަރުޚަބާ ކިޔުމުގެ ގޮތުން ދިވެހިން އާދަކާދައެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. ސަގާފަތެކެވެ. އަނެއްކާ ވެސް ރަމަޞާން މަހެއް ބޯމަތިވެފައި ވާއިރު، މިއީ އެ މޫސުމެވެ. އާއިލީ މާހެފުމާއި އޮފީސް މާހެފުމާއި އެކުވެރިންގެ މާހެފުމާއި ކޮލެޖު މާހެފުމާއި ގޭދޮށު މީހުންގެ މާހެފުން ވެސް އޮންނާނެ އެވެ.
ސުވާލެއް އެބަ އޮތެވެ. މާ ހެފުމޭ ކިޔާފައި މިހާރަކަށް އައިސް މި ފެންނަނީ ހަމަ އަސްލު ވެސް މާ ހެފުން ހެއްޔެވެ؟ އަދި މާހެފުމެއް ނަމަ ފެންނަނީ އެކި ކަހަލަ ޒަމާނީ ކެއުންތަކެވެ. އެކި ކަހަލަ ފޮނި ކާއެއްޗެއްސާއި ހެދިކާ، ޕިއްޒާ، ސަބްމެރިން، އަދި އެކި ވައްތަރުގެ ބަތްގަނޑެވެ. ނޫނީ ބާބަކިއުއަކަށް ވެސް މާހެފުމޭ ކިޔާ ފާނެއެވެ. ނޫނީ މާހެފުން ވެފައި މި އޮތީ ކޮންމެވެސް ތަނަކުން އޯޑަރަށް ކާއެއްޗެހި ގެނެސް ފޮޓޯ ނަގައި މީސްމީޑިއާއަށް ދޫކޮށްލަން ޖަހާލާ ނަމަކަށެވެ. ކުރުކޮށް ބުނަންޏާ މިހާރު މި އޮންނަނީ ހަމަ ނަމެއްގައި މާހެފުމެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ އަހަރެމެންގެ މާމަމެން މާހެފުމަށް ތައްޔާރުކޮށް އުޅުނީ މުޅިން އެހެން އެއްޗެކެވެ.
އޭރު ކުރާ ކަމަކީ ބިންބި ފުށް ތެލަށް އަޅައިގެން މާ ޖައްސަނީ އެވެ. ބިންބި ތެލުލުމުން އެ ހުންނަނީ މަލެއްހެން ފޮޅިފަ އެވެ. މާ ޖައްސާފައި ދެން ބިންބި އުޑިއަށް އަޅައިގެން އެ މުގުރަނީ އެވެ. އެއަށްފަހު އެ މުގުރި ބިންބި މަލާއި، ގަބުޅި އާއި ހުންޏާއި ދޮންކެޔޮ އަދި ހަކުރު އަޅައިގެން މޮޑެނީ އެވެ. އަސްލު މާހެފުމަކީ އެއީ އެވެ. ހެދިކާކޮޅަކާއި ޖޫސްތައްޓަކަށް މާހެފުމޭ ނުކިޔޭނެއެވެ.
ދުވަސްތައްު މާޒީވުމާއެކު މާހެފުމަށް ވެސް މި ވަނީ ޒަމާނީ ކުލަވަރާއި ރަހަތައް ޖެހިފައެވެ. އެކަމަކު އަސްލު މާހެފުމަކަށް ވާނީ ހަމަ މާމެން ތައްޔާރުކުރި މާހެފުމެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެހެންކަމުން މި ފަހަރު އަސްލު މާހެފުމެއް ތައްޔާރުކޮށްލާ އަޖުމަ ބެލުން ކިހިނެއް ވާނެތޯއެވެ؟ އިހުގެ މާހެފުން އަލުން އުފަންކޮށް އެ ސަގާފަތް އިހު އޮތް ގޮތަށް އާލާކުރުން ކިހިނެއް ވާނެތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް