ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން 533 މިލިއަން މީހެއްގެ ޒާތީ މައުލޫމާތުތައް ލީކްކޮށްލައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނި އިރު އެއީ 2019 ވަނަ އަހަރު ވެސް ލީކްވި ޑޭޓާތައް ކަމަށް ފޭސްބުކުން ބުނެފިއެވެ.
ފޭސްބުކްގެ ކޮމިއުނިކޭޝަން އޮފިޝަލަކު ބުނެފައިވާ ގޮތުގައި ލީކްވި ކަމަށް ބުނަނީ 2019 ވަނަ އަހަރު ލީކްވި ޑޭޓާތަކެއް ކަމަށެވެ. އެ ޑޭޓާތައް ލީކްވި މައްސަލަ ސީރިއަސްކޮށް ބަލައި، ސެކިއުރިޓީ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ. އޮފިޝަލް ބުނެފަވަނީ އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެ ގޮތަށް ޚަބަރު ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، ފޭސްބުކް ސެކިއުރިޓީގައި މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަން އޭނާ ދީފައި ވެއެވެ.
ފޭސްބުކްގެ ބަލިކަށި ސަލާމަތީ ފިޔަވަޅެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ހެކަރުން ހޯދާފައި ހުރި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކްގައި ރަޖިސްޓްރީވާން ބޭނުންކުރާ ޒާތީ މައުލޫމާތުތައް ހިމެނެއެވެ. ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފޯން ނަމްބަރާއި، ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ ޑާޓާ އާއި ފޭސްބުކް އައިޑީ އާއި ފުރިހަމަ ނަމާއި، އުފަންދުވަހާއި އަދި ބައެއް މީހުންގެ އީމެއިލް އެޑްރެސްތައް ވެސް ހިމެނެއެވެ.
ލީކް ކޮށްލާފައިވާ 533 މިލިއަން މީހުންގެ މައުލޫމާތައް ބަލާއިރު އެމީހުން ނިސްބަތްވަނީ 106 ގައުމަކަށެވެ. އޭގެތެރޭގައި އެމެރިކާގެ 32 މިލިއަން މީހުންގެ މައުލޫމާތު ހިމެނެއެވެ. ދެން އެންމެ ގިނައިން ހިމެނެނީ އިނގިރޭސިވިލާތާއި އިންޑިއާ މީހުންގެ މައުލޫމާތެވެ. އިނގިރޭސިވިލާތުގެ 11 މިލިއަން މީހުންނާއި އިންޑިއާގެ ހަމިލިއަން މީހުންގެ މައުލޫމާތު ވަނީ ލީކް ކޮށްލާފައެވެ.
ސައިބާ އިންޓެލިޖެންސް ފާމެއް ކަމަށްވާ ހޮޑްސަން ރޮކް އިން ބުނާ ގޮތުގައި މިމައުލޫމާތުތައް އިންޓަނެޓްގައި ލީކް ކޮށްލާފައިވާކަން ފުރަތަމަ އެކުންފުނީގެ ސަމާލުކަމަށް އައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް