ހުސްވެފައިވާ ޕާކިންގ ސްލޮޓްތަކުން އުޅަނދުތަކަށް ޖާގަ ދޫކުރަނީ

ހަތަރު ފުރޮޅުލީ އުޅަނދުތައް ފީ ދައްކައިގެން ޕާކްކުރުމަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯންތަކުން ހުސްވެފައިވާ ސްލޮޓްތައް އަލުން ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ކޮށް...

04 Apr 2021 | 06:46

ހަތަރު ފުރޮޅުލީ އުޅަނދުތައް ފީ ދައްކައިގެން ޕާކްކުރުމަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯންތަކުން ހުސްވެފައިވާ ސްލޮޓްތައް އަލުން ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި އަގު ނަގައިގެން ޕާކުކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލް ޕާރކިންގ ޒޯނުތަކުގައި އެކިއެކި ސަބަބުތަކާއި ހުރެ ހުސްވެފައިވާ ސްލޮޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

އިޢުލާންގައި ބުނެފައިވާ ގޮތުގައި، މި ޒޯންތަކުން ދޫކުރާ ޕާކިންގ ސްލޮޓެއްގެ އަގަކީ މަހަކު 3000 ރުފިޔާއެވެ. ސިޓީ ކައުންސިލުން ބުނީ މި ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތި ނޫން ޕިކަޕަށް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކިންގ ސްލޮޓަށް އެދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރު ވަމުންދާނެކަމަށެވެ. ނަމަވެސް ޕާކިންގ އުސޫލާ ޚިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގ ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތައް ހުސްވަންދެން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ފުރުޞަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަނދަށް އެކަނި ކަމަށާއި ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޕާކިން ސްލޮޓްތަކަށް އެދި ހުށައަޅާއިރު ވެރިފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުން ހުށަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. އަދި ރޯޑް ވާދިނަސްއާއި އަހަރީ ފީގެ ލިޔުންތަކާއި އިންޝުއަރެންސް ލިޔުންވެސް ހުށައަޅަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް