ލޯތްބަކީ ކޮން އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ ނޫނީ ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟
ވަރަށް އާންމު އެހެންނަމަވެސް ޖަވާބު ދިނުމުގައި ގިނަ ބަޔަކު ނުކުޅެދިފައިވާ ސުވާލުތަކެކެވެ. ޖަވާބު ދެވުނަސް އެކި މީހުންގެ ޖަވާބު ތަފާތެވެ. ނޫންތޯޢެވެ؟ މި ލިޔުމުގައި މި ހިއްސާކޮށްލަނީ އަހަރެންނަށް ލޯބި މާނަކުރެވޭ ގޮތެވެ. ފަހަރުގައި މި ކަމުގައި އަހަންނާއި ދެބަސް ވާނެ ބަޔަކު ވެސް ތިބެދާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ހިޔާލު ތަފާތުވުމަކީ އެއް އިރެއްގައި ވެސް މައްސަލައެއް ނޫނެވެ.
ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ލޯތްބަކީ ވެވޭ އެއްޗެކެވެ. އަމިއްލަ އިޙްތިޔާރަކާ ނުލައެވެ. އެކަމަކު އަހަރެންގެ ޒަމީރު އެކަމާ ހާސްފަހަރު ދެކޮޅެވެ. އަހަރެންގެ ޒަމީރު ބުރަވަނީ ލޯތްބަކީ ވާ އެއްޗެއް ކަމަށް ބުނާ ބުނުމަށެވެ. އެ ބުނުން ރަނގަޅު ކަމަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މޮޅެތި ޝާއިރުން ލޯބި ސިފަކޮށްފައި ވަނީ އެއީ އިންސާނާގެ ހިތުގައި އޭނާގެ އިޚްތިޔާރަކާ ނުލާ އުފެދޭ ޖަޒުބާތެއްގެ ގޮތުގައެވެ. އެކަމަކު އަހަރެންގެ ސީދާ ނުކުތާއަށް ދިއުމުން އެކަމަމާ އެބަ ދެކޮޅު ހެދެއެވެ.
ތެދެކެވެ. ލޯތްބަކީ ގޮތް ނޭނގޭ އިހުސާސެކެވެ. އެއީ ބުނެދޭން ނޭނގޭ ނުވަތަ ސިފަކޮށްދޭން ނޭނގޭ އިހުސާސެކެވެ. އެ އިހުސާސަކީ މީހަކަށް، ނުވަތަ އެއްޗަކަށް ނޫނީ ކަމަކަށް އެދެވޭ ހިނދުގައި ކުރެވޭ އިހުސާސެކެވެ. ތިމާއަށް ވާ ގޮތް ނޭނގި، ވާނުވާއެއް ބުނެދޭން ނޭނގި "ލޯބި" މި ނަން ދެވިފައިވާ އިހުސާސް އުފެދިދާނެ ކަމަށް އަހަރެން އެއްވެސް ހާލެއްގައި ގަބޫލެއް ނުކުރަމެވެ.
އެއީ ލޯތްބެއް ނޫނެވެ. ހަމަ ގަޔާވާ ގަޔާވުމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ "ލައިކް" ވުމެވެ.
ލޯތްބަކީ އަނެކާ އެނގި ދަސްވުމެވެ. ހަގީގީ ލޯބި ވެވޭނީ ކައިވެންޏަކަށް ފަހު ކަމަށް ބުނުމަކީ ހަގީގަތެކެވެ. ބައިވެރިޔާ ރަނގަޅަށް ދަސްވާނީ ޒަވާޖީ ހަޔާތެއްގެ ތެރެއިންނެވެ. އޭނާގެ ހުންނަ ގަޔާވާ ސިފަތައް އެނގުމުން އެ ސިފަތަކަށް ތިބާ ތިބާގެ ހިތް ދޭނެއެވެ. އެ ސިފަތަކަށް ހިތްދޭ ދިނުމަށް ކިޔަނީ ލޯބި ދިނުމެވެ. ލޯބި ވުމެވެ. އެކަމަކު އެއީ ތިމާ ދޭން ބޭނުން ވީމައެވެ.
އާއިލާއިން މަޖުބޫރު ކޮށްގެން ކައިވެނި ކުރާ އެތައް ދެމަފިރިންނެއް ލޯބިން އުޅެއެވެ. އެހެންކަމުން ލޯތްބަކީ ގަސްތަކާ އެކު ވާ އެއްޗެއް ކަމަށް ބުނެވިދާނެއެވެ.
މިއީ އަހަރެންގެ ޚިޔާލެވެ. އެކަމަކު މިއީ ނިމުމެއް ނެތް ބަހުސެކެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުމެ ކުރާ ބަހުސެކެވެ. ލޯތްބަކީ ހަމަ ވާ އެއްޗެއްބާއޭ ނުވަތަ ވެވޭ އެއްޗެއް ބާއޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ސުވާލު އުފައްދައެވެ. މި ބަހުސްގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމުން ކުރުކޮށްލާނަމެވެ. ހަމަ އެންމެ ސުވާލެކެވެ. ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް