ފެމިލީ ކޯޓުގައި މަސައްކަތް ކުރެއްވި އިރު ގާޒީ ހަސަން ސައީދު އެ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލަ ބަލަން ފަށައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުގެކުރީގެ އިސް ގާޒީ މިހާރު ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މުވައްޒަފުން ކައިވެންޏެއް ކޮށްދޭން ރާއްޖެއިން ބޭރަށް ފޮނުވީ 2018 ވަނަ އަހަރު އެވެ.
މިމައްސަލަ ތަހުގީގު ކުރަން ޖޭއެސްސީ އިން ނިންމީ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު އެކަން އިއުލާން ކުރީ މިއަދު އެވެ.
ގާޒީ ހަސަން ސައީދުގެ އިތުރު ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ޖިންސީ ގޯނާގެ ތުހުމަތުކޮށް ޝަރީއަތަށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ފުރުމުގެ ހުއްދަ ގާޒީ ހަސަން ސައީދު ދެއްވާފައިވާތީއެވެ.
މި މައްސަލަ ތަހުގީގު ކުރަން ފެށީވެސް އެ ދުވަހު އެވެ.
ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް މީގެ ކުރިންވެސް ބަލާފައިވެ އެވެ. އެގޮތުން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ފެމިލީ ކޯޓުތެރޭގައި ހައްޖު ގްރޫޕެއް ހިންގި މައްސަލައެއް ބަލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް