އެމް.ޑަބްލިޔު.އެސް.ސީ. އިން ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.
މިގޮތުން، އައިސް ވިއްކާ އަގަށް މި ގެނެވުނު ހެޔޮ ބަދާލާއި އެކު، ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ އެވެ. ކުރިން އައިސް ޓަނެއް، ޖީ.އެސް.ޓީ އާއެކު، ވިއްކަމުން އައީ 1،275 ރުފިޔާއަށެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އައިސް ވިއްކާ އަގު ހެޔޮކޮށްފައި މިވަނީ، ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، އަދި ވަކިން ޚާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއި އެކު، އެމް.ޑަބްލިޔު.އެސް.ސީ އިން މި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިޤްތިސާދަށް އެހާމެ ފައިދާކުރަނިވި މަސައްކަތެއްކަމުން، މި ޚިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާ ކުރެވުމަކީ އެ ކުންފުނިން ނުހަނު އުފަލާއި އެކު ފާހަގަ ކުރާ ކަމެއް ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓްއިން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމަރ ސާރވިސް މެދުވެރިކޮށް އައިސް އަށް އޯޑަރ ކުރެވޭނެ ކަމަށާއި އެ ކުންފުނީގެ އައިސް ހޮޓްލައިން ނަމްބަރ 7999151 އަށް ގުޅައްވައިގެންވެސް އައިސް އަށް އޯޑަރުކުރެވޭނެ ކަމަށް ޑަބްލިޔު.އެސް.ސީ އިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް