އިޓާލިއަން ލީގު: ޓޮރީނޯ އަތުންވެސް މޮޅު ނުވެވި ޔުވެންޓަސްއަށް އިތުރު ހިތްދަތި ކަމެއް

އިޓާލިއަން ލީގުގައި ރޭ ޓޮރީނޯއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން އެޓީމަށް މޮޅުނުވެވި އެއްވަރުވެގެން ނިމިއްޖެއެވެ. ޓޮރީނޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. ދެ ޓީ...

04 Apr 2021 | 04:34

އިޓާލިއަން ލީގުގައި ރޭ ޓޮރީނޯއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން އެޓީމަށް މޮޅުނުވެވި އެއްވަރުވެގެން ނިމިއްޖެއެވެ.

ޓޮރީނޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއި އެކު ޔުވެންޓަސްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކުރީ ފެޑްރިޗް ކިއޭސާއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރިނޯއިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ޓޮރީނޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޮނިން ސަނަބްރިއާއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ފަހު ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޓޮރީނޯއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. 46 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ސަނަބްރިއާއެވެ. މި ލަނޑަށް ފަހު ޔުވެންޓަސްއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށް ވަނީ ޓޮރީނޯގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭގޮތް ނުވެއެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ.

ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 79 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޔުވެންޓަސް ބަލިނުވެ ސަލާމަތް ކޮށްދިން މި ލަނޑު ރޮނާލްޑޯ ޖެހީ ކިއެލީނީ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ މިފަހަރުގެ ސީޒަނުގައި ރޮނާލްޑޯ ކާމިޔާބު ކުރި 24 ވަނަ ލަނޑެވެ.

ރޭގެ މި ނަތީޖާއާއި އެކު ޔުވެންޓަސްއަށް ވަނީ ލީގު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައެވެ. ލީގުގެ އެއްވަނާގައި އޮތް އިންޓަމިލާންއާއި 11 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ރޭގެ މި މެޗުގެ ނަތީޖާއާއި އެކު ޔުވެންޓަސް ވަނީ ލީގުގެ ހަރަތަުވަނައަށް ވެއްޓިފައެވެ. ޔުވެންޓަސް ހަތަރުވަނާގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 56 ޕޮއިންޓާއި އެކުގައެވެ.

މިއަހަރުގެ  ޗެމްޕިއަންސް ލީގު މުބާރާތުން ކަޓާފައިވާއިރު، އިޓާލިއަން ލީގުވެސް ގެއްލުމުގެ ބިރު އެޓީމަށް މިހާރު ވަނީ ބޮޑުވެފައެވެ. ލީގުގެ ދެން ރަށުން ބޭރުގައި ނަޕޮލީއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުން ބަލިވެއްޖެނަމަ ލީގުގެ ފަސްވަނަ އަށް ޔުވެންޓަސް ވެއްޓިގެންދާނެއެވެ. އަދި ހަމަ މިއާއި އެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތުވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެސް ޔުވެސްޓަސްއަށް އެބައޮތެވެ. އެހެން ކަމުން ނަޕޮލީއާއި ދެކޮޅަށް ކުޅޭ މެޗުން ޔުވެންޓަސް މޮޅެއް ހޯދަން މަޖުބޫރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް