59 ފޮއްޓަކަށް 50 ދާއިރާއަށް ވުރެ ގިނަ މީހުން ވޯޓުލާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 59 ފޮއްޓެއްގައި 50 ދާއިރާއަށް ވުރެ ގިނަ ދާއިރާގެ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަ...

04 Apr 2021 | 04:29

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 59 ފޮއްޓެއްގައި 50 ދާއިރާއަށް ވުރެ ގިނަ ދާއިރާގެ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ މަޢުލޫމާތު ދެއްވަމުން ޓީވީއަކަށް ދިން ބަސްދީގަތުމެއްގައެވެ.

ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގެ ނަތީޖާ ގެނައުމުގައި ކުރީގެ އިންތިޚާބުތަކުގައި ނެގި ވަގުތަށް ވުރެ ގިނަ ވަގުތު ނަގާނެކަމަށެވެ. އެއީ މިފަހަރު ބޭއްވިގެންދަނީ ދެ އިންތިޚާބުކަމުގައިވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަތޮޅުތެރޭގައި ކޮންމެ ވޯޓެއް ހަތަރު ފަހަރު ގުނަންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަން ހުރި ގޮތުން ބައެއް ފޮށިތަކުގައި 100ށް ވުރެ ގިނަ ދާއިރާތަކުގެ މީހުން ރަޖިސްޓްރީކޮށްފައި ވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"50 ދާއިރާއަށް ވުރެ ގިނައިން ރަޖިސްޓްރީކޮށްފައިވާ 59 ފޮށި އެބައޮތް. އެފޮއްޓަކަށް 50 ދާއިރާއަށް ވުރެ ގިނައިން ދާއިރާތަކުގެ މީހުން ރަޖިސްޓްރީވެފައި އެބަތިބި. އޭގެ މާނައަކީ އެ 59 ފޮށި ގުނަން އެތައް ބައިވަރު ވަގުތުތަކެއް ދާނެ. ފާހަގަކުރެވުނު މާލޭ ޖަލުގައި ބަހައްޓާ ފޮއްޓަކާއި ގދ ތިނަދޫގައި ބަހައްޓާ ފޮއްޓަކާއި، ކޮލަމްބޯގައި ބަހައްޓާ ފޮއްޓެއް އެންމެ ދާއިރާތައް ގިނައީ. މިތިން ފޮށީގައި 200 ކައިރިކުރާ ވަރަށް ދާއިރާތައް އެބަހުރި ، މިތިން ފޮށީގެ ނަތީޖާ ވަރަށް ބޮޑަށް ލަސްވާނެކަމަށް ބެލެވޭ." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ވޯޓު ގުނުން ލަސްވެގެންދާނެތީ މިހާރު ކަނޑައަޅާފައި ވާނީ 30 ދާއިރާއަށް ވުރެ ގިނައިން ހުންނަ ފޮށިތަކުގައި ވޯޓު ގުނުމަށް އިތުރު އޮފިޝަލުން ހަމަޖައްސާގޮތަށް ކަމަށެވެ. އަދި އެގޮތުން އެފަދަ ކޮންމެ ފޮއްޓެއްގެ ވޯޓު ގުނުމަށް އިތުރު 5 މީހުން ތަމްރީން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، އީސީގެ ރައީސް، ވިދާޅުވީ ދާއިރާތައް ގިނަ ފޮށިތަކުގައި ލަސްތަކެއް ހުރިނަމަވެސް މާގިނަ ދާއިރާތައް ނުހުންނަ ފޮށިތައް ގުނަން ފަށާތާ ދެތިން ގަޑިއިރު ތެރޭގައި ނަތީޖާ އިއުލާންކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިޔަށް އޮތް އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް