އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ބައޮގްރަފީ ފިލްމު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫއަށް ހުށަހަޅައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސާނިއާގެ ބައޮޕިކް ހަދަން އުޅޭކަން އިއުލާނު ކުރިތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ސާނިއާގެ ބައޮޕިކްގެ ރައިޓްސް މީގެ ދެ އަހަރު ކުރިން ހޯދާފައި ވަނީ ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާ އެވެ.
މިހާތަނަށް ފިލްމުގެ މަސައްކަތެއް ފެށިފަ ނުވިނަމަވެސް މިހާރު ވާހަކަ ނިންމައި ސާނިއާގެ ރޯލު ކުޅޭ ބަތަލާ އަކު ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރު އޭގެ ވާހަކަ ތާޕްސީ އަށް ނެރޭޓްކޮށް ދިނުމުން އޭނާ އަށް ވަރަށް ކަމުދިއުމުން ފިލްމު ކުޅެން އެއްބަސްވެފައިވެ އެވެ.
އެ ފިލްމުގައި ސާނިއާގެ ރޯލު ކުޅެން ފުރަތަމަ ދޭން ހަމަޖެއްސީ ޕްރަނީތާ ޗޯޕްރާ އަށެވެ. އެކަމަކު މިދިޔަ މަހުގެ 26 ގައި ރިލީޒްކުރި އިންޑިއާގެ ބެޓްމިންޓަން ތަރި ސައިނާ ނެހެވާލްގެ ބައޮގްރަފ ފިލްމު "ސައިނާ" ގައި ސައިނާގެ ރޯލު ޕަރިނީތީ ކުޅެފައިވާތީ އޭނާއަށް ސާނިއާގ ރޯލު ކުޅެން ނުދޭން ވަނީ ނިންމާފައި އެވެ.
ތާޕްސީ ވަނީ މިދިޔަ ހަފުތާގައި ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސްގައި "ތައްޕަޅު" އިން އެންމެ މޮޅު ބަތަލާގެ މަގާމު ހޯދާފައި އެވެ.
މިދިޔަ މަހުގެ މެދު ތެރޭގައި ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ "ދުބާރާ" ގެ ޝޫޓިން ތާޕްސީ ނިންމާލާފައިވާ އިރު އޭނާގެ އަތުގައި މިހާރު ވެސް ޝޫޓިން ފަށާފައި އޮތް ކުޅިވަރު ދެ ފިލްމެއް އެބައޮތެވެ. އެއީ ކްރިކެޓް ތަރި މިތާލީ ރާޖްގެ ބައޮޕިކް "ޝަބާޝް މިތޫ" އާއި ދުވުންތެރިޔާ ރާޝްމީގެ ވާހަކަ ކިޔައިދޭ "ރާޝްމީ ރޮކެޓް" އެވެ.
ތާމްޕީ އަކީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާ އެންމެ ބިޒީ އަންހެން ތަރިންގެތެރޭގައި ހިމެނޭ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް