އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމްވިޗް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މި ބައްޔާއި އެކު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. މިއީ ޗެލްސީގެ ކޯޗުކަމާއި މިއަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު 15 ވަނަ މެޗެވެ. އަި ބަލިވި ހަމައެކަނި މެޗެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޗެލްސީގެ ތިއާގޯ ސިލްވާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެއާއެކު މެޗުގެ ބޮޑުބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ވެސްޓް ބްރޮމް ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. މި ދެ ލަނޑުވެސް އެ ޓީމަަށް ކާމިޔާބުކޮށްދިނީ މެތިއުސް ޕެރޭރާއެވެ. ވެސްޓް ބްރޮމް އަށް ލީޑު ފުޅާކޮށްދިން ލަނޑު ކަލުމް ރޮބިންސަން ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓު ފަހުން އެމްބާއޭ ޑިއާގްނޭ ވަނީ ވެސްޓް ބްރޮމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
ރޭގެ މި ނަތީޖާއާއި އެކު ޗެލްސީ އޮތީ ކުޅުނު 30 މެޗުން ލިބުނު 51 ޕޮއިންޓާއި އެކު ލީގުގެ ހަތަރުވަނާގައެވެ. އަދި ޗެލްސީ އަތުން މޮޅުވި ވެސްޓް ބްރޮމް އޮތީ ކުޅުނު 30 މެޗން ލިބުނު 21 ޕޮއިންޓާއި އެކު ތާވަލުގެ ފުލުން ދެވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް