ކާފިއު ހިންގި ގަޑިގައި100 އަށްވުރެ ގިނަ މީހުން މިއަދުވެސް ހުއްޓުވަން ޖެހުނު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ގަޑީގައި މަގުމަތީގައި އުޅެގެން ހުއްޓުވާ141 ފަރާތަކަށް ފުރަތަމަ ނަސޭހަތް ދޭން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ119 ދިވެހިންނާއި22 ބިދޭސީންނެވެ.
ފުލުހުން ބުނީ ދެވަނަ ނަސޭހަތް ނުވަ ފަރާތަކަށް ދޭން ޖެހުނު ކަމަށެވެ. މި ނުވަ މީހުން މާދަމާ މަނާ ގަޑީގައި ބޭރަށް ނުކުމެއްޖެ ނަމަ1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
ކާފިއު ހިންގަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު މާލެ ހުޅުމާލެ އަދި ވިލިމާލެއިން މަނާ ގަޑީގައި ބޭރަށް ނުކުމެގެން95 މީހަކު ހިފަހައްޓަށް ޖެހުނެވެ. އެއަދަދު އިއްޔެ284 އަށް އިތުރުވި އެވެ.
މިކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިފަދަ ފިޔަވަޅުތައް އަޅަނީ އެންމެންގެ ރައްކަލަކަށްޓަކައި ކަމަށާއި އެކަމާ މެދު އާންމުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި މިގޮތަށް އަމަލުތައް ހުންނަ ނަމަ މިހާރު ރާއްޖެއިން ތައްޔާރީ ހާލަތަށް ގެންނަން މަސައްކަތް ކުރަމުންދާ200 ވެންޓިލޭޓަރުގެ ބަދަލުގައި އާބާދީގެ ކޮންމެ މީހަކަށް ވެންޓިލޭޓަރެއް ހޯދަން ޖެހިދާނެ ކަމަށެވެ.
ކާފިއު ހިންގާ ގަޑިއެއް ކަނޑައެޅުމުގެ އިތުރުން އެނޫން ވަގުތުތަކުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެކުގައި މަގުމަތީގައި އުޅުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް