ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ކޮޗިން އާއި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ހުރިހާ ދިވެހިންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން އިން ވަނީ މާދަމާ ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ޗާޓާޑް ދެ ފްލައިޓު ބޭއްވުމަށް ނިންމާފައި އެވެ. އަދި ހޯމަ ދުވަހު ކޮޗިންގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވާނެ އެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ދަނޑިވަޅެއްގައި ދިވެހިންނަށް އާދެވޭނެ ގޮތް ގައުމީ އެއާލައިނުން ހަމަޖައްސައިދިނުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އެ ސިޓީތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މި ދަނޑިވަޅުގައި މިނިސްޓްރީންގެ ފަރާތުން ކޮށްދެވެން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން އެ ފުރުސަތު އެ ސިޓީތަކުގައި ތިބި ހުރިހާ ދިވެހިންނަށް ހޯދައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/abdulla_shahid/status/1246419803536904193
ބެލެވޭ ގޮތުގައި އެ ސިޓީތަކުގައި ތިބި އިތުރު ދިވެހިން އަންނަން ބޭނުންވާނަމަ ސަރުކާރުން އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. މިވަގުތު އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމްގައި އެކި ބޭނުންތަކުގައި ގޮސްތިބި200 އެއްހާ މީހުން ތިބި އިރު އެ ސިޓީތަކުގައި3،000 އެއްހާ ދިވެހިން ދިރިއުޅެ އެވެ.
ސްރީލަންކާގައިވެސް ގިނަ އަދަދެެއްގެ ދިވެހިން ގޮސް ތިބި އިރު އެ ގައުމުގައި15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެ އެވެ.
މި ދެ ގައުމުގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝްގައި ތިބި މަތީތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންވެސް ދަނީ އެމީހުން އެނބުރި ގައުމަށް ގެނެސްދިނުމަށް އާދޭސް ކުރަމުންނެވެ. ސަރުކާރުން ބުނީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް