މުވައްޒަފުންނާއިމެދު އިހާނެތިކޮށް ހިތާ ރިސޯޓުތަކަށް ފިޔަވަޅު އަޅާނަން: ޓުއަރިޒަމް މިނިސްޓްރީ

ކޯވިޑް-19ގެ މި ހާލަތުގައި މުވައްޒަފުންނާއިމެދު އިހާނެތިކޮށް ހިތާ ރިސޯޓްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައ...

04 Apr 2020 | 12:14

ކޯވިޑް-19ގެ މި ހާލަތުގައި މުވައްޒަފުންނާއިމެދު އިހާނެތިކޮށް ހިތާ ރިސޯޓްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ހާލަތުގައި ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމުމުން، ގާނޫނާއި ހިލާފަށ ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

"މީގެ އިތުރުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ރާއްޖެއިން ބޭރުގެ މުވައްޒަފުން، އެމީހުންގެ ފްލައިޓް ކޮންފާމް ނުވަނީސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދާކަމުގެ ޝަކުވާވެސް ލިބެމުންދޭ" މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ކާރިސާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަށް އިހްތިރާމް ކުރެއްވުމަށް މިނިސްޓްރީން އަންގާ ކަމަށެވެ.

"ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވެސް އެއާޕޯޓަށް ނުފޮނުވުމަށް ދަންނަވަން" މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ދެންނެވުމާ ހިލާފަށް އަމަލުކުރައްވާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް