ކަސްޓަމަރުން ފުނި ނުޖެހޭނެ ގޮތެއް ހަދައިދިނުމަކީ ބޭންކުތަކުގެ ޒިންމާއެއް: މާރިޔާ

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ދިގު މުއްދަތަކަށް ބަންދު ކުރަމުންދާއިރު ބޭންކުތަކުން ހިދުމަތް ދޭ މަދު ދުވަސްތަކުގައި ކަސްޓަމަރުންނަށް ފުނި ނުޖެހި ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ބޭންކުތ...

04 Apr 2020 | 09:40

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ދިގު މުއްދަތަކަށް ބަންދު ކުރަމުންދާއިރު ބޭންކުތަކުން ހިދުމަތް ދޭ މަދު ދުވަސްތަކުގައި ކަސްޓަމަރުންނަށް ފުނި ނުޖެހި ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ބޭންކުތަކުން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބޭންކުތަކުގައި ތޮއްޖެހި ފިތިފިތިގެން ހިދުމަތް ހޯދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިދިޔަ ހަފްތާގައި ބޭންކުތަކުން ހިދުމަތް ދީފައިވަނީ ތިން ދުވަހު އެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހުރިހާ ރަސްމީ މަސައްކަތެއް ހެން ކޯވިޑް-19 އާއި ގުޅިގެން އޮތީ ހުއްޓާލާފައި ކަމަށެވެ. އޭގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނެ އެވެ.

މާރިޔާ ވިދާޅުވީ މި ހުރިހާ ކަމެއް ފުނި ނުޖެހި ކުރާނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެން ކަމަށް ވާއިރު ބޭންކުތަކަށް ހިދުމަތް ހޯދަން ދާ ކަސްޓަމަރުން ފުނި ނުޖެހި ހިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ބޭންކުތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/MariyaDidi/status/1246287820974460928

ބޭންކުތަކުގައި މީހުން ތޮއްޖެހި ދިގު ކިޔޫ ހެދި މައްސަލައިގަ ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ އެއީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެ ބޭންކުން މީހުން ތޮއް ނުޖެހި ހިދުމަތް ހޯދޭނެ ގޮތަށް ކިޔު ހަދަންވީ ދުރުމިން ބޭންކުތެރޭގައި މާކު އަޅާ ފާހަގަ ކޮށްދިން ކަމަށް ބުނެފައިވެ އެވެ.

އަދި އެދުވަހު ތޮއްޖެހިގެން މީހުން ހޯދަން ދިޔަ ގިނަ ހިދުމަތްތަކަކީ އޮންލައިންކޮށް ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތްތައްކަން ބޭންކުން ފާހަގަ ކުރެ އެވެ. އެހެންވެ އެ ބޭންކުން ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް