އަވައްޓެރި ސްރީލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވަން ގްރޭޓާ މާލޭ ބަސް ސްޓޮޕްގައި ދިގު ކިޔޫއެއް ހަދައި ގަޑި ޖެހުން އިރުވެސް ތަކެތި ބަލައި ގަނެ ނުނިމުނެވެ.
މޯލްޑިވިއަން އިން މާދަމާ ބާއްވާ ކާގޯ ފްލައިޓުގައި ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން އެ ތަކެތި ހަވާލު ކުރުން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު9:00 މެންދުރު12:00 އަށް ގްރޭޓާ މާލޭ ބަސް ސްޓޮޕްގައި ހުންނަ މޯލްޑިވިއަންގެ ކައުންޓަރުގައި އެވެ. އެކަމަކު ހިދުމަތް ދޭން ތިބި މުވައްޒަފުންގެ އަދަދު މަދުވުމާއި އެކު މީހުންގިނަވެ މުޅި ސަރަހައްދުގައި ތޮއްޖެހުނެވެ.
މިހާރު ތޮއްޖެހިފަ ނެތަސް ކިޔު ދިގުކަމުން ގޮސް އެމްއެންޑީއެފް ފަޔާ ސްޓޭޝަނާއި ހިސާބަށް ކިޔޫ އޮތެވެ. ގަޑި ޖެހުން އިރު އެންމެންގެ ތަކެތި ބަލައި ނުގަނެވެ އެވެ.
މީހުން ގިނަވެ ކިޔޫ ދިގުވާގޮތްވީ އާއިލާތަކަށް ފޮނުވާ ތަކެތި ބަންދު ކުރެވޭނީ ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ފޮށިގަނޑުގައި ހުންނަ ތަކެތި ވަކިވަކިން ބެލުމަށް ފަހު ކަމަށް ފޮރިން މިނިސްޓްރީން ކަނޑައަޅާފައި އޮތުމުން ނެވެ. އެ މިނިސްޓްރީން ވަނީ އާއިލާތަކަށް ވަކި ބާވަތްތަކެއްގެ އެއްޗެހި ނުފޮނުވޭނެ ކަމަށް ނިންމާފަ އެވެ.
ނުފޮނުވޭ އެއްޗެހީގެ ތެރޭގައި ހިމެނެނީ ފައިސާ، ރޯމަސް، ކޭކު، ހެދިކާ، މޭވާ އަދި ތަރުކާރީ އެވެ. ފޮށިގަނޑު ގެންދަން ޖެހެނީ ބަންދު ނުކޮށެވެ.
ކާގޯގެ ގޮތުގައި ފޮނުވެނީ
ނޫޑްލްސް،
ރިހާކުރު (މިފްކޯ/ އެންޒީ ފަދަ އޮރިޖިނަލް ޕެކްގައި ހުންނަ ރިހާކުރު)
ބޭސް (ބޭސް ފޮނުވާނަމަ ޑޮކްޓަރުގެ ލިޔުން ފޯމާއި އެކު ހުށަހަޅަންޖެހޭ)
މަސް ޕެކެޓު/ ފަތް ޕެކެޓު/ ފިހާރަތަކުގައި ވިއްކާ ސާމާނުގެ ތެރެއިން ޕެކެޓުކޮށްފައި ހުންނަ ސާމާނެވެ.
ކާގޯ ބަލައިގެންނަން ފެށިތާ ގަޑިއިރެއްވެސް ނުވަނީސް600 އަށްވުރެ ގިނަ ފޮށިގަނޑު ބަލައިގެންފަ ވެއެވެ. ކޮންމެ އާއިލާއަކަށް15 ކިލޯ ހަމަވާ ވަރަށް ތަކެތި ފޮނުވެ އެވެ. މިއީ ހިލޭ ދޭ ހިދުމަތެކެވެ.
ތަކެތި ފޮނުވައި ދެވެނީ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމެއް ފުރިހަމަ ކުރުމުންނެވެ. އެ ފޯމު ފުރިހަމަ ކުރުމަށް ފަހު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިންކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އެ ފޯމް އެޕްރޫވް ވިކަމުގެ ލިޔުން މިނިސްޓްރީން ފޮނުވާނީ ފޯމް ހުށަހެޅި ފަރާތުގެ އީމެއިލްއަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ތަކެތި ފޮނުވައިދޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމަށެވެ. އެ ފޯމުގައި ފޮނުވާ ފަރާތާއި ލަންކާގައި އެތަކެތި ލިބެންވީ ފަރާތުގެ މައުލޫމާތު ރަނގަޅަށް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ތަކެތި ލަންކާއަށް ގެންގޮސް އާއިލާތަކާއި ހަވާލު ކުރެވޭނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ބެލުމުގެ ދަށުންނެވެ. ސަރުކާރުން ބުނީ މި ހިދުމަތް ދެނީ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި އެކަމަކު ކޯވިޑް-19 އާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާނުކޮށްފައިވާތީ ތަކެތި ގެންދާ ދުވަހު ހަވާލު ނުކޮށްދެވިދާނެ ކަމަށެވެ.
ލަންކާގައި15،000 ދިވެހިން ދިރިއުޅެ އެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކޮށްފަ އެވެ. މިކަމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް