ކޯވިޑް-19 އާއި ގުޅިގެން މަގުމަތިވުމުގެ ކުރިން ރަށަށް ދިއުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ގޮވާލުމުން އެކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ފާޑުވިދާޅުވެއްޖެ އެވެ.
އީސަ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް ކުލި ނުދެއްކިގެން އެތަނުން ނެރެންދެން ތިބެގެން ނުވާނެ ކަމަށެވެ. އަދި ކިތަންމެ ބޭނުން ނުވިނަމަވެސް އަނބިދަރިންނާއި އެކު އަމިއްލަ ފަސްގަނޑަށް ކައިބޮއެ ހަދައިގެން އުޅެން ބަދަލުވާން ޖެހޭ ކަމަށެވެ.
މިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ އީސަ ބޭނުން ކުރެއްވި ބަސްތައް ފަހަރުގައި ރަނގަޅު ނުވިޔަސް ދެއްކީ ރަނގަޅު ވާހަކަ ކަމަށެވެ.
ނަޝިދު ވިދާޅުވީ މިމަހުގެ ކުލި ސަރުކާރުން ކުއްޔަށް ހިފައިގެން އުޅޭ ހުރިހާ އެންމެންނަށް ދައްކައިދެވިދާނެ ކަމަށެވެ. އެކަމަކު އެކަން ކުރިޔަށް އޮތް12 މަހު ކުރާނެ ގޮތެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ މީހުން ރަށަށް އާބާދު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ޖެހޭ ކަމަށެވެ.
މި ވާހަކަތާއި ގުޅިގެން އެމްޑީޕީގެ ތެރެއިން ފުރަތަމަ ފާޅުގައި ފާޑު ވިދާޅުވެފައިވާ ބޭފުޅަކީ ތޯރިގެވެ. ތޯރިގު ޓުވިޓާގައި ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން މާލޭގައި ދިރިއުޅެނީ އެ ދާއިރާއެއްގެ މެންބަރު ކުލި ދައްކައިދީގެން ނޫން ކަމަށެވެ. އަތޮޅުތެރޭ ކުދިން ކިޔަވައިގެން މޮޅުވަނީ އެމީހުންގެ މައިންބަފައިން މާލެ އައިސް ވާ ގުރުބާނީން ކަމަށް ތޯރިގު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންނަށް އެހީވެފަ، ރާއްޖެތެރޭ މީހާ ރަށަށް ދާން ގޮވައިލުން ބަލައި ނުގަނެވޭ ކަމަށެވެ.
https://twitter.com/ManadhooThoriq/status/1246053837875494912
ތޯރިގުގެ މި ވާހަކައަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައި އެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ހުންނަވާ، ޕާޓީގެ އިސްވެރިން ރައްޔިތުންގެ ހާލާމެދު ދެކޭގޮތަށް ކެރިގެން ފާޑު ވިދާޅުވާން ކެރުމުން ޝުކުރު އަދާ ކޮށްފައިވެ އެވެ.
ތޯރިގުގެ އިތުރުން އީސަގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ހިތް ހަމަ ނުޖެހުން ފާޅު ކޮށްފައި އެވެ. އެގޮތުން ރަށުގައި ބޭނުންވާ ހިދުމަތްތައް ނުލިބޭ ކަމަށާއި މާލެ އައިސް ތަންތަން ކުއްޔަށް ހިފައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
އަދި އީސަ އާއި ނަޝީދުގެ ވާހަކަތަކުން ދޭހަވީ ސަރުކާރުން ނިކަމެތި މީހާ އިތުރަށް ނިކަމެތި ކޮށްލުމުގެ ވިސްނުން މިދަނޑިވަޅު ގެންގުޅޭ ކަންކަން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް