ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކޯވިޑް-19 ފެތުރެން ދިމާވި މައިގަނޑު ސަބަބު ކަމަށްވާ އިޓަލީގެ ޓޫރިސްޓު ކަމާ ބެހޭ ފަރާތްތަކަށް ނާންގާ ފޮނުވާލި މައްސަލައިގަ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ގޮސްފި އެވެ.
ރާއްޖެއިން ވައިރަސް ފުރަތަމަ ފެނުނީ އެ ރިސޯޓުން ނެވެ. އެ ޓޫރިސްޓުގެ ގައިން އެ ރިސޯޓުގެ ފަސް ބިދޭސީ މުވައްޒަފަކަށް ބަލި ޖެހުނެވެ. މިހާރު އެ އެންމެންވެސް ވަނި ރަނގަޅުވެފައި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެ ރަށަށް ދިޔައީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 ގެ ކަންކަމުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި މިދިޔަ ހަފްތާގައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ތުރުކީގެ އަންހެން ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ކުރީ ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި އެ ޓޫރިސްޓުގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެނުމުން އެކަން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާތީ އޭނާގެ އިހުމާލު އޮތް ކަމަށް ފެންނާތީ އެވެ.
މީގެ ކުރިން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓޫރިސްޓުގެ ފަރާތުން އަލާމާތްތައް ފެންނާތީ ޑޮކްޓަރު އެޗްޕީއޭއަށް ގުޅި ކަމަށެވެ. އެކަމަކު ކުރެވުނު މުއާމަލާތްތަކުގައި އެފަދަ މީހަކު ރިސޯޓުގައި ހުރި ކަމުގެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން އެޗްޕީއޭއަށް ނާންގަން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ ބަލީގެ އަލާމާތްތައް ފެންނަ ގިނަ ޓޫރިސްޓުންތަކެއް ރިސޯޓުގައި ތިބުމުން ކަމަށް މުވައްޒަފުންނާއި ހަވާލާ ދީ ފުލުހުން ބުންޏެވެ.
ބަލީގެ އަލާމާތްތައް ފެންނާތީ އެމީހާއަށް އިތުރު ޓެސްޓު ހަދަން އިލްތިމާސް ކުރި ނަމަވެސް އެކަން ނުކުރެވުނީ އެ ޓޫރިސްޓު އެކަމަށް އެއްބާރުލުން ނުދިނުމުން ކަމަށް ކުރެއްދޫ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް