އިދިކޮޅުން މާދަމާ އަނެއްކާވެސް މުޒާހަރާއަށް ނުކުންނަނީ

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން މާދަމާ އަނެއްކާވެސް މުޒާހަރާ ކުރަން ތައްޔާރު ވެއްޖެ އެވެ. އިދިކޮޅުން މުޒާހަރާ ކުރަމުން ދަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި 10 މީ...

04 Mar 2021 | 15:16

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން މާދަމާ އަނެއްކާވެސް މުޒާހަރާ ކުރަން ތައްޔާރު ވެއްޖެ އެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުން ދަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި 10 މީހުންނަށްވުރެ ގިނައިން އުޅުން މަނާކޮށްފައި ވާ ދަނޑިވަޅެއްގައި އެވެ. ފުލުހުން ވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުން ބާއްވާ ނަމަ އިންޒާރަކާ ނުލައި މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރުދީ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކޮށްފައިވާއިރު މާދަމާވެސް ހަވީރު 4:15 ގައި ޕީޕީއެމް އޮފީސް ކައިރިން މުޒާހަރާ ފަށާނެ ކަމަށް ކޯލިޝަނުން ބުނެ އެވެ. މާދަމާގެ މުޒާހަރާވެސް ކުރަން ހަމަޖެހިފައިވަނީ "ކޮބާ މަގޭ ފްލެޓް" ނަމުގައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދަމާގެ މުޒާހަރާއަކީ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލާ ބާއްވާ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި މިހާރު އިދިކޮޅު ތިބި ހީވާގި ޓީމުން ސަރުކާރުން ދައްކާ ބިރަށް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ސަރުކާރުން ކޯވިޑް-19 ގެ ނަން ބޭނުން ކޮށްގެން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރަމުން ދާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅުން މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދަށް ގޮސް މީހުންތައް ދުރައްޖައްސާފަ އެވެ. އަދި ރަޔަޓް ގިޔަރުގަ ތިބި ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ވަދަ ނުނިކުމެވޭނެ ހެން އޮފީހުގެ ދެ ދޮރު ބަންދުކޮށްފަ އެވެ.

އެ ދުވަހު މުޒާހަރާ ކޮށްގެން މާލޭގެ އެކި ސަރަހައްދުން ފުލުހުން 30 މީހުން ހައްޔަރު ކުރި އެވެ. އެކަމަކު އެ އެންމެން ވަނީ ދޫކޮށްލާފަ އެވެ.

އޭގެ ތެރެއިން ބައެއް މީހުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން ޖޫރިމަނާކޮށްފަ ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް