ޤަވާއިދާ ޚިލާފަށް ޅ. ފާދޫ ބޮއި ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯނިތަކެއްގެ ވީޑިއޯ އާއްމުކުރަމުން މަސްވެރިއަކު ނުރުހުން ފާޅުކޮށްފައި ވެއެވެ. މީގެ ކުރިންވެސް ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރާ މައްސަލަ ފެންމަތިވެފައި ވެއެވެ.
ކަނދުފަތި ކައިރިން މަސްވެރިކަން ކުރަން އުޅުނު ދެ ދޯންޏެއްގެ ވީޑިއޯ ފޭސްބުކްގައި ހިއްސާ ކުރަމުން މަސްވެރިއަކު ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުން ހުއްޓުވޭނީ މިފަދަ ކަންކަން ކުރާ މީހުންގެ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީ އާ ޚިއްސާ ކޮށްގެން ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ ފިޝަރީޒް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށް އެ މިނިސްޓްރިން ބުނެފައިވެއެވެ. އަދި އެގޮތަށް މަސްވެރިކަން ކުރާ ދޯނީގެ މަޢުލޫމާތު ހިއްސާ ކުރާއިރު އެ ދޯންޏަކީ ކޮން ދޯންޏެއްކަން އެނގޭ މިންވަރަށް މަޢުލޫމާތު ހިއްސާ ކުރުމަށް ފިޝަރީޒް މިނިސްްޓްރީން ބުނެއެވެ. އަދި މިފަދަ މައްސަލަތައް ބަލަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަން ކުރާ ނަމަ މިފަދަ ދޯނިފަހަރުގެ ފޮޓޯއާއި ވީޑިއޯ މިނިސްޓްރީއާއި ހިއްސާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ. އެގޮތުން މިނިސްޓްރީގެ ފޭސްބުކް ޕޭޖް، ޓްވިޓަރ އަށް މެސެޖްކޮށްގެންވެސް މަޢުލޫމާތު ޚިއްސާ ކުރެވޭނެ ކަމާށާއި، އަދި އެނިސްޓްރީއަށް ގުޅައިގެންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް