ޤައުމީ ތާރީޚު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންސިލްތަކަށް ވެބިނާރެއް ބާއްވައިފި

ޤައުމީ ތާރީޚު ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފައި ވަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 27ވަނަ ދުވަހެވެ. މިއަދު މި ފާހަގަ ކުރެވެނީ 4 ވަނަ ޤައުމީ ތާރީޚު ދުވަހެވެ. މި ދުވަސް އެންމެ ފުރަތ...

04 Mar 2021 | 10:31

ޤައުމީ ތާރީޚު ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފައި ވަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 27ވަނަ ދުވަހެވެ. މިއަދު މި ފާހަގަ ކުރެވެނީ 4 ވަނަ ޤައުމީ ތާރީޚު ދުވަހެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2018 ވަނަ އަހަރެވެ.

މި އަހަރުގެ މި ދުވަސް އެކެޑަމީން ތަޚްޞީޞް ކޮށްފައި ވަނީ ދިވެހި ތާރީޚަށް ފަހުގެ ޒަމާނެއްގައި އެންމެ ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަލްމަރުޙޫމް އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީއަށެވެ. މި އަހަރުގެ ގައުމީ ތާރީޚު ދުވަހަށް އެކެޑަމީން ކަނޑައަޅައިފައިވާ ޝިޢާރަކީ "ސުމޭކު ވަސީލަތްތަކުން ދިވެހި ތާރީޚު ރައްކާތެރި ކުރަމާ!" މިއެވެ.

މި ޝިޢާރުން ހާމަކޮށްދެނީ ފަންނިއްޔާތުގެ ގޮތުން ރާއްޖެއަށް އަންނަ ކުރިއެރުމުގެ ސަބަބުން ސުމޭކުގެ އެކިއެކި ވަސީލަތްތަކުން ދިވެހި ތާރީޚު ރައްކާތެރި ކުރުން މުހިންމު ކަމުގައެވެ. ކޮވިޑް19ގެ މި އާލަމީ ވަބާގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން މިދާ ދިއުމާ އެކު އެއްވެސް ތާކަށް ހާޒިރުވެ އެއްވެސް ކަމެއް ކުރުން މި ވަނީ ނުރައްކާތެރި ކަމަކަށް ވެފައެވެ.

މިހެން ވުމުން ތާރީޚީ މައުލޫމާތު ސުމޭކުކޮށް ތަފާތު އޮންލައިން މަންސަތަކުންނާއި ސުމޭކު ދޮރުވަތިތަކުން ލިބޭނޭ މަގުތައް ކޮށައި ސުމޭކު ތަފާތު ވަސީލަތްތަކުން ދިވެހި ތާރީޚީ މައުލޫމާތު ލިބޭނޭ ގޮތްތައް ފަހިކުރުން މުހިންމެވެ.

ޒަމާނީ ފަހި ފޯނުތަކާއި ޓެބުތަކާއި ނެޓުގެ އެކި މަންސަތަކުގައްޔާއި އަލިކުތަރިކު ފޮތްފޮތުގެ ގޮތުގައި ތާރީޚީ މައުލޫމާތު އާންމު ކުރުމަކީ މި ފަދަ ހާލަތުތަކުގައި ވެސް ފަސޭހަކަމާ އެކު ތާރީޚަށް އަހުލުވެރިވެ ތާރީޚީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ވަރަށް ބޮޑު މަގަކަށް ވާނެއެވެ.

އެހެނީ ކޮންމެ ބަޔެއްގެ ވެސް ތާރީޚަކީ އެ ބައެއްގެ ކުރިމަގުގެ އާރުކާޓީއެވެ. ވީމާ، ސުމޭކު ވަސީލަތްތަކާ ތާރީޚު ގުޅުވައި މައުލޫމާތުގެ ރަސްމަގުތަކަށް ދިވެހި ތާރީޚުގެ ކަންކަން އޭގެ ސައްހަ ގޮތުގައި ހިއްސާ ކުރުމުގެ ކަންކަން މި ޝިޢާރުގެ ދަށުން މި އަހަރު ކުރިޔަށް ގެންދެވޭނެއެވެ.

އެގޮތުން ޤައުމީ ތާރީޚު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންސިލްތަކަށް ބާއްވާ ދިވެހި ތާރީޚާއި އަދަބީ ތަރިކައިގެން ވެބިނާރު ނިންމާލައިފިއެވެ.

މި ވެބިނާގައި، ދިވެހި ރާއްޖޭގެ އާސާރީ ތަންތަނ ބެހޭ ތާރީޚީ ވާހަކަތައް ކިޔައިދީފައި ވެއެވެ. އަދި ދިވެހި ތާރީޚުގެ މައުލޫމާތު އެއްކޮށް ތަރުތީބު ކުރުމާ ބެހޭގޮތުން އަލްފާޟިލް އަހުމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ވެބިނާރުގައި އަލްފާޟިލް އިޔާޒް ޖާދުﷲ ނަސީމް ވަނީ އިލްމީ ނަޒަރަކުން ތާރީހު ދިރާސާ ކުރުމާމެދު ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ. އަދި ތާރީޚީ މައުލޫމާތު ގިންތި ކުރާނެ ގޮތްތައް ވެސް ވަނީ ބައިވެރިންނާ ހިއްސާކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް