ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދިވެސް ބޭނުންވާ އަދަދަށް ހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް އިން ބުނީ ކައުންސިލް އިންތިހާބު ބޭއްވުމަށް އާންމުކޮށް ބޭނުންވަނީ 8،000 އޮފިޝަލުން ކަމަށެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން އިންތިހާބުގައި އަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވައިދާއި އެއްގޮތަށް އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުން 10،000 އޮފިޝަލުން ބޭނުންވެ އެވެ.
އީސީން މިއަދު ބުނީ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ބޭނުންވާ އަދަދަށް މީހުން ކުރިމަތި ނުލާނަމަ އަދަދު ހަމަވަންދެން ފޯމު ބަލައިގެންނަމުން ދާނެ ކަމަށެވެ.
އީސީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް ހުށަހަޅަން ޖެހޭ ހާއްސަ ފޯމު ފުރުމަށް ފަހު [email protected] އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. ފޯމާއި އެކު ތިން މަސް ނުވާ ޕާސްޕޯޓު ސައިޒު ފޮޓޯ އަކާއި، އެންމެ މަތީ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުން އައިޑިކާޑުގެ ދެ ފުށުގެ ކޮޕީ ފޮނުވަން ޖެހެ އެވެ.
އޮފިޝަލަކަށް ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރުވެފައިވާ، ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާ ކުރަމުންދާ މީހަކަށް ވެގެން ނުވެ އެވެ. އަދި ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހަކަށް އޮފިޝަލަކަށް ކުރިމަތި ނުލެވޭއިރު ކެންޑިޑޭޓެއްގެ އާއިލާ މީހަކަށް ވެގެންނެތް ނުވެ އެވެ.
މީގެ އިތުރުން ސިއްހީ ގޮތުން ގާބިލު ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ ނުދާ މީހަކަށް ވާންޖެހެ އެވެ.
ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރަ:
ވޯޓުލާ މަރުގެ ވެރިއަކަށް: 1،800 ރުފިޔާ
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަކަށް: 1،600 ރުފިޔާ
ވޯޓުލާ މަރުކަޒުގެ އޮފިޝަލް: 1،500 ރުފިޔާ
ވޯޓު ގުނާ އޮފިޝަލް: 1،200 ރުފިޔާ
ރިސާވް އޮފިޝަލް: 500 ރުފިޔާ
ކިއު ސުޕަވައިޒަރ: 1،000 ރުފިޔާ
އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ: 1،000 ރުފިޔާ
މި އެލަވަންސަކީ ހަމައެކަނި ވޯޓުލާ ދުވަހަށް ލިބޭ އުޖޫރައެކެވެ. މީގެ ިއތުރުން އެ ދުވަހުގެ ކެއުމާއި ސައިގެ ކަންކަން ހަމަޖައްސައިދޭނެ އެވެ.
އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ހަމަޖެހޭނީ އެ ކޮމިޝަނުން ކުރިޔަށް ގެންދާ ޓްރެއިނިންއެއް ފުރިހަމަ ކުރުމުންނެވެ. އެ ޓްރެއިނިން ފުރިހަމަ ކުރުމުން 300 ރުފިޔާގެ އެލަވަންސް އެއް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް