ހުތުބަސް ބޭނުން ކުރުމުގެ ދައުވާއަށް އަދުރޭ އިންކާރު ކުރައްވައިފި

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރ...

04 Mar 2021 | 07:14

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

އަދުރޭ ހަޑިހުތު ބަހުން ވާހަކަދެއްކެވި ކަމަށް ބުނެ ދައުވާ އުފުލީ 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ ހަޑިހުތުރު ބަހުން ވާހަކަދެއްކެވި ކަމަށް ބުނެ އެވެ. އެދުވަހު ދެއްކެވި ވާހަކައިގަ އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އަދުރޭ ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އޭނާގެ ފަރާތުން އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ ޝަރީއަތުގެ ކުރީގެ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށާއި ނަމަވެސް އަބްދުއްރަހީމްގެ ފަރާތުން ދިފާއުުގައި ހުށަހަޅާ ހެއްކަކާ ގުޅިގެން އެފަދަ ހުށަހެޅުމެއް ފަހުން ހުށަހަޅަން ޖެހިއްޖެ ނަމަ، އެ ފުރުސަތު ދޭން އެދޭ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދުގެ ޝަރީއަތުގަ އޭނާއަށް ހަފްތާއެއްގެ މުއްދަތެއް ދެއްވާފަ އެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ހ.ގެ ތިން ވަނަ ނަމްބަރާއި ހަވާލާދީ އެ މާއްދާގެ ނ. ށ. ގެ ދަށުން ނެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ އަދުރޭއަށް އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށަށް އިއުތިރާފްވެއްޖެ ނަމަ، 27 ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ކުޑަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް