'އެންޒައިޓީ' އަދި 'ޑިޕްރެޝަން' އާ ކުރިމަތި ލާނީ ކިހިނެތް؟

'އެންޒައިޓީ' އަދި 'ޑިޕްރެޝަން' އަކީ ދިވެހިންގެ ތެރޭގައި ވެސް އާއްމު ވެފައިވާ ދެކަމެވެ. ފިކުރު ބޮޑުވެ ހާސްވުމަކީ ބައެއް ފަހަރަށް އެކަން ނުރައްކާތެރި ހިސާބަކަށް ދާ ކަމެކެވެ. އަދި ރަނގަޅަށް މަސައްކަތް ކު...

04 Mar 2021 | 05:19

'އެންޒައިޓީ' އަދި 'ޑިޕްރެޝަން' އަކީ ދިވެހިންގެ ތެރޭގައި ވެސް އާއްމު ވެފައިވާ ދެކަމެވެ. ފިކުރު ބޮޑުވެ ހާސްވުމަކީ ބައެއް ފަހަރަށް އެކަން ނުރައްކާތެރި ހިސާބަކަށް ދާ ކަމެކެވެ. އަދި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އެކަންކަމުން އަރައިގަނެވޭނެ ކަންތައްތަކެވެ.

ސީބީޓީ 'ސައިކޮލިޖީ ޓުޑޭ ބްލޮގަރ' ޖޯއިލް މިލްޑެން ބުނެފައި ވަނީ އަމިއްލަ 'އޮތެންޓިކް އިމޯޝަން' ތައް އަމިއްލައަށް ގަބޫލު ކުރަން ޖެހޭނެއެވެ. އަދި އުނދަގޫ އިހުސާސް ތަކަކީ ހަޔާތުގެ ބައެއް ކަމަށް މިލްޑެން ފާހަގަކުރިއެވެ. އެކަންކަމުން އަރައިގަންނަން އަމިއްލައަށް ވެސް މަސައްކަތް ކުރަން ވާނެއެވެ.

ޑިޕްރެޝަންއާއި އެއްޒައިޓީގެ ސަބަބުން، މައްސަލަތަކާ ބޯގޮވުންތަކުން ސިކުނޑި ފުރާލައެވެ. އެހެންކަމުން އަމިއްލައަށް ވެސް އެ ކަންކަމުން ދުރުވުމަށް މަސައްކަތް ކުރާށެވެ. ހެނދުނު ހޭލާއިރު ދުވަހުގެ ކަންކަން ތާވަލް ކޮށްލާށެވެ. އުފާވެރި މަޖާ ވަގުތުކޮޅެއް ހޯދާނީ ކިހިނެތްތޯ ރާވާލާށެވެ. ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަގައިގަތުމަށް ކުރާނެ ކަންތައްތައް ހޯދާ ބަލާށެވެ. މިފަދަ ގޮތަކަށް ވިސްނައި، ތިބާގެ ހަކަތަ އާއި ޝައުގުވެރިކަން ބޭނުންކުރާނީ މުހިންމު ކަންތައްތައް ކުރަން ކަމަށް ނިންމާށެވެ.

ޑިޕްރެޝަން އާއި އެންޒައިޓީއިން ރައްކާތެރި ވުމަށްޓަކައި، ހާސްވެ ކަންބޮޑުވާ ކަންތައްތަކާއި އަމިއްލައަށް ނުވިސްނާށެވެ. އޭރުން އެ ކަމުގެ ފުނަށް ދެވި، އިތުރަށް ހާސްކަމުގެ ތެރެއަށް ތިބާ ވެއްޓިދާނެއެވެ. އެހެންކަމުން ކަމެއް ދިމާވުމުން، އެކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރާށެވެ. ހާސްވެ ކަންބޮޑުވާ ނަމަ ވިސްނާލަންވީ، ހަމަ ހަގީގަތުގައި ވެސް އެ މައްސަލައަކާ، އެވަރަށް ވިސްނާ ސިކުނޑި ގޭނުމުގެ ބޭނުމެއް އޮތްތޯއެވެ. އޭގެ ބަދަލުގައި އިތުބާރު ހުރި މީހަކާ ވާހަކަ ހިއްސާކޮށްލައި، މައްސަލަ ހައްލު ކުރުމަށް ސަމާލުކަން ދޭށެވެ.'

ތިބާއަށް މައްސަލައެއް ކުރިމަތިވުމުން، އެއާމެދު ކަންތައް ކުރާނެގޮތް ނިންމާނީ ތިބާއެވެ. އެހެންކަމުން އަބަދުވެސް އަމިއްލަ ނަފްސަށް ވިސްނާދޭށެވެ. "އަހަރެންނަށް ކުރިމަތިވާ ދަތި އުނދަގޫތަކާ، ހަމަޖެހިގެން ހުރި ކުރިމަތިލާނަމެވެ. ކުރިމަތިވާ ކޮންމެ ކަމެއްގައި ކެރިގެން ސާބިތުވާނަމެވެ." ހިތްވަރު ގަދަ ކުރާށެވެ. 'ވެއްޓޭ ކޮންމެ ފަހރަކު ތެދުވާށެވެ.'

އެންޒައިޓީގެ ސަބަބުން ކަމެއް ނުކޮށް ދޫކޮށްލެވިއްޖެ ނަމަ ވިސްނާލާށެވެ. ތިބާ ބޭނުންވަނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ބިރާއި ހާސްކަމުގެ ތެރޭގައި ހެއްޔެވެ؟ ނޫންނަމަ ހަމަޖެހީ 'ރިލެކްސްޓް' ދިރިއުޅުމެއް ހެއްޔެވެ. ބިރާއި ހާސްކަމުން އަގައިގަންނަން މަޑުމަޑުން މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހަކު އެއް ކަންތައް ހާސިލްވިޔަސް އެއީ މައްސަލައެއް ނޫނެވެ.

ކޮންމެ ދުވަހެއްގެވެސް އެއް އަމާޒަކީ، އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަކީ، ނުތަނަވަސް ވާ ހިޔާލުތަކާއި އިހުސާސްތަކުން އެއްކިބާވެ ހުރުން ކަމުގައި ހަދާށެވެ. ވިސްނާލާށެވެ. ހަމަޖެހޭ ހިއުސާސްތަކެއްގެ މަތީގައި ހުންނާކަން ބޭނުމެއް ނޫން ހެއްޔެވެ؟

ލޯތްބާއި ބިރުވެރިކަމަކީ އިދިކޮޅު ދޭއްޗެވެ. އެތަކުން އެކަތި ހެދިބޮޑުވާނަމަ، އަނެކަތި ދަށަށް ދާނެއެވެ. އެހެންކަމުން ބިރުގަތުމާއި ހާސްވުމުން ދުރުމުމަށްޓަކައި ލޯބިވާ މީހުންނާ އެކުގައި ވާށެވެ. ލޯބިވާ ކަންތައްތައް ކުރާށެވެ. އެހެން މީހުނަށް/ކަންކަމަށް ލޯބިކޮށް، އެފަދަ ކަންކަމާއިގެން ވަގުތު ހުސްކުރާށެވެ.

ބިރުގަންނަ ކަންކަމާ ކުރިމަތިލައި، އެކަންކަމުން އަރައިގަންނަން ގާތް މީހުންގެ އެހީތެރިކަން ހޯދާށެވެ. 'އައުޓް ޑޯރ' ވަގުތުތައް ގިނަކުރާށެވެ. ބޭރުތެރެއަށް ނުކުމެލައި، ތާޒާ ވައި ހޯދާލާށެވެ. އިހުސާންތެރިވުމަށް އަމިއްލައަށްވެސް މަސައްކަތް ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް