''އޭރުން ފޮތޯތައް...........ޑިލީޓް ކޮއްލާނަންތަ............'' ޒާރާގެ ބޭނުން ހާމަކުރިއެވެ. އެއީ އޭނާ އެންމެ ކަންބޮޑުވާ ކަންތަކެވެ. އެއިން އެއްވެސް ފޮޓޯއެއް އިތުރު މީހަކަށް ފެންނަ ދުވަސް ވާނީ ޒާރާގެ ހަޔާތުގެ ފަހު ދުވަހަށެވެ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ އެއްވެސް މީހަކާ ކުރިމަތި ލުމުގެ ހިތްވަރެއް ޒާރާގެ ކިބައިގައި ނުހުންނާނެކަން އެންމެ ރަނގަޅަށް އެނގެނީ ހަމަ ޒާރާއަށެވެ.
''ތިވާހަކަ ފަހުން........... މިހާރު ޒާރާގެ މައިދައިތަ ޒާރާ ހޯދާނެ............ ދެން ދޭ.................'' ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފަހުދު ސިޑިން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ.
ޒާރާ ދިޔައީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގާ ދިމާއަށް ބަލަން އޮތްއިރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތައް ފައިބަމުން ދިޔައެވެ. ރުއިން މަޑުމަޑު ގިސްލުމަކަށް ބަދަލުވާކަށް ގިނައިރެއް ނުނެގިއެވެ. ދެލޯ މަރާ ބާރުކޮއްލެވުނީ ހިތަށް ލިބެމުންދިޔަ ވޭނުން ކެތް ނުކުރެވިގެންނެވެ.
ލޯ މަރާލިޔަސް ޒާރާއަށް ސިފަވަނީ ފަހުދު އޭނާއަށް ދެއްކި ފޮޓޯތަކެވެ. އެކަމާމެދުގައި ޒާރާއަށް ވިސްނެނީއެވެ. ވިސްނޭނެތާއެވެ. އެ ފޮޓޯތަކަކީ ޒާރާގެ އަބުރާ ގުޅިފައިވާ ފޮޓޯތަކެކެވެ. ފަހުދު ކޮއްލާ ކުޑަކުޑަ ކަމަކުން މުޅި ދުނިޔެއަށް ޒާރާ ބަދުނާމުވެ ފަޟީހަތް ވާނެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް އެ ފެންނާނެއެވެ.
ޒާރާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭނާގެ ބޮލަށްވަނީ ބަރުވެފައެވެ. ހެނދުނުއްސުރެ ބޮލުގައި ހުރި ރިހުން ގަދަވެފައިވެއެވެ. އޭނާގެ ސިކުނޑިވަނީ ފުރި ބާރުވެފައެވެ.
ޒާރާއަށް ސިހުންވީ ޒިލީގެ ތުއްތުއަޑު އިވުމުންނެވެ. އަވަސް އަވަހާ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ކުޑަތަންކޮޅެއް ލަސްވިނަމަވެސް މައިދައިތައަށް ޒާރާގެ ރަތް ވެފައިވާ މޫނާ ފެންކަޅިވެފައިވާ ދެލޯ ފެނުނީހެވެ.
''ދަރިފުޅާ............. '' މައިދައިތަ އެގޮވަނީ ޒިލީ ބަނޑުހައިވެގެން އުޅޭތީކަން ޒާރާއަށް އެނގެއެވެ. އަވަސް އަވަހަށް ފެން އިސްކުރު ދޫކޮއްލީ ފާހާނާގައި ޒާރާ އުޅޭކަން މައިދައިތައަށް އެންގުމަށެވެ. އަނގައިން ބުނެވޭ ވަރަށްވުރެ ޒާރާގެ ހާލަތު ގޯސްވީމައެވެ.
އަވަސް އަވަހަށް މޫނު ދޮވެލުމަށްފަހު ތުވާލިން މޫނު ފޮހެލިއެވެ. ލޯގަނޑުން އޭނާގެ އަމިއްލަ މޫނަށް ޒާރާ ބަލާލިއެވެ.
''ޒާރާ........ މިހާރު ތި މޫނުގައި އެއްވެސް ރީތިކަމެއް ނެތް.......... ތި ދެލޮލުގައި އެއްވެސް ވިދުވަރެއް ނެތް.......... ތީ އަމިއްލަ ފިރިމީހާއަށް ވަފާތެރި ވާން ނޭނގުނު އަންހެނެއް......... ތީ އަމިއްލަ ފިރިމީހާގެ ބޭބެއާއެކު ............'' ޒާރާގެ ޒަމީރު އޭނާއަށް މަލާމާތް ކުރާކަހަލައެވެ.
''ޗީ........ '' ޒާރާއަށް މޫނު އަނބުރާލެވުނެވެ. އަނގައިން ބޭރުވެގެން ދިޔަބަސް ރައްދުވީ ޚުދު އޭނާއަށެވެ. މިހާރު އޭނާގެ އަމިއްލަ ނަފުސުދެކެ އޭނާ ފޫހިވެއްޖެއެވެ. އެއީ އެއްވެސް އަގެއް ނެތް ޖިސްމެކެވެ. ތެދުވެރިކަމެއް ނެތް ރޫހެކެވެ.
ޒިލީގެ ކުސްތެޅުން ރުއިމަށް ބަދަލުވާން ފެށިއެވެ. ޒާރާގެ އިންތިޒާރުގައި ހުރެހުރެ ސަރީފާ ވަރުބަލި ވެއްޖެއެވެ. ބައިގަނޑި އިރު ފާއިތުވެގެން ހިނގައްޖެއެވެ.
''ދަރިފުޅާ........... ނުނިމޭތަ........... މިމަންޖެ ރޯވަރުން.........'' އެންމެފަހުން ސަރީފާ ފާހާނައިގެ ދޮރުކައިރިއަށް ޖެހިލާ ގޮވާލިއެވެ.
ޒާރާއަށް މަޖުބޫރުވީ ނިކުންނާށެވެ. އެ މޫނާއެކު މައިދައިތައާ ކުރިމަތިލާން ބޭނުން ނޫނަސް އެނޫން އިތުރު ގޮތެއް މިވަގުތު އޭނާއަކަށް ނެތެވެ. ދޮރު ހުޅުވާލާފައި ނިކުތް ޒާރާގެ މޫނަށް ސަރީފާގެ ނަޒަރު ސީދާވުމާއެކު އެތައް ސުވާލެއް އޭނާގެ ސިނކުޑީގައި އެނބުރިގެންފިއެވެ. ޒާރާގެ ރަތްވެ ދުޅަވެފައިވާ ދެލޮލާ، ކޯތާފަތް ފެނުމުން ސަރީފާއަކަށް ނުހުރެވުނެވެ.
''ކިހިނެތް ވެފަ ތިހިރީ......... ރުއީތަ........ މަންމަ އަށް އެނގޭ ދަރިފުޅަށް ކޮންމެވެސް ކަމެއް އެބަ ވާކަން...... މަންމަ އެހެންވެ ތަކުރާރުކޮށް އަހަނީ............ ތީ ކުރީގަ މަންމަ ދެކޭ ޒާރާ އެއް ނޫން.........'' ސަރީފާ ދެއްކި ވާހަކަ ޒާރާއަށް އިވުނު ނަމަވެސް އިސްއުފުލާ ބަލާވެސް ނުލިއެވެ. ޒިލީ އުރާލައިގެން ގޮސް އެނދުގައި އިށީނެވެ.
''އާނއެކެވެ. މަންމަ އަށް ތިޔަ ހީވީ ހަމަ ރަނގަޅަށެވެ.......... މިހާރު މީ ކުރިން މަންމަ އަށް ފެނުނު ޒާރާއެއް ނޫނެވެ.........އޭރު ފެނުނު ޒާރާ ދެން މަންމައަކަށް ދުވަހަކުވެސް ނުފެންނާނެއެވެ........... އޭރު ފެނުނު ޒާރާ ދެން އިމްރާނަކަށްވެސް ނުފެންނާނެއެވެ........... އެކަކަށްވެސް ނުފެންނާނެއެވެ........... މަންމަ އަށް ނޭނގުނަސް ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ....... ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.......'' ޒާރާގެ ހިތާހިތުން މައިދައިތައަށް ޖަވާބު ދިނެވެ. އެ އަޑު މައިދައިތައަށް ނީވުނު ކަމުގައިވިޔަސް އެއީ މިވަގުތަށް ޒާރާއަށް ދެވެން އޮތް އެންމެ ފުރިހަމަ ޖަވާބެވެ.
ސަރީފާ އެތައް ވަރަކަށް ކުރު ނުކޮށް އަހަން ފެށުމުން އެންމެ ފަހުން ޒާރާއަށް މަޖުބޫރުވީ ކޮންމެވެސް ޖަވާބެއް ދޭށެވެ. ބަލިވެ އުޅެނީކަމުގައި ބުނެ ދޮގެއް ހެދީ އެނޫން ގޮތެއް ނެތީމައެވެ. މައިދައިތަގެ އެއްވެސް ކުށެއް ނެތެވެ. ވީއިރު މައިދައިތަ ހިތުގަ ޖައްސަން ޒާރާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ.
''ދަރިފުޅު ބަލިވާހަކަ ނުވެސް ބުނަމެއްނު........... އަބަދުވެސް މި ކިޔަނީ އިމްރާން ނެތީމަ މަންމައޭ ދެން މިހިރީ ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއްގަ އެހީވާން.......... ހޮސްޕިޓަލަސް ދާންވީނު............. އޭގެކުރިން ފަހުދަށް ދައްކާލަމާ...........ގޯހެއް އުޅެންޏާ އޭނާއަށް ވެސް އެނގޭނެ........'' ފަހުދުގެ ނަން އިވިފައި ޒާރާއަށް ތެޅިގަނެވުނެވެ. ސަރީފާއާ ހަރަތުކަޅި ހަމަކޮއްލެވުނީ ބޭއިޚްތިޔާރުގައެވެ.
''ނޫން........ ބޮލުގަ ރިއްސުމަކީ އާދައިގެ ކަމެއް............ ރޭގަނޑު ނުނިދޭތީ ވާގޮތް އެއީ......... އަހަންނަށްވެސް އެވަރު އެނގެޔޭ މަންމާ.............. މަންމަ ދެން އެހާބޮޑަށް ފިކުރުބޮޑު ނުކުރޭ..............'' ޒާރާ މަތިމައްޗަށް ދޮގު ހަދާލިއެވެ. އެއީ ކުރަން ކިތަންމެ ބޭނުން ނޫން ކަމަކަށް ވިޔަސް މިއަދު އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ.
''ނުނިދެންޏާ ބޮލުގަ ރިއްސާނެ............ މިރޭ މަންމަ މަޑުކުރާނަން މިކޮޓަރީގަ............. ދަރިފުޅު އަރާމުކޮށް ނިދާލެވޭނެ އޭރުން........ މަންމަ ޒިލީގެ ކަންތަކާ ހަވާލުވާނަން...........'' ސަރީފާ އޭނާގެ ނިންމުން ހާމަކުރިއެވެ. ޒާރާއަށް ބުނެވުނު އެއްޗަކުން ހުރިހާކަމެއް ގޯސް ވުމާ ކައިރި ވީއެވެ. އޭނާގެ ކޮޓަރީގައި މައިދައިތަ އޮންނަކަން އެނގިއްޖެއްޔާ ފަހުދު ރުޅިއަންނާނީ ޒާރާ ދެކެއެވެ. ފަހުދު ހީކުރާނީ ޒާރާ ގަސްދުގައި މައިދައިތަ އެ ކޮޓަރީގައި ނިންދެވީކަމަށެވެ. އަނެއްކޮޅުން މައިދައިތަ އޮތްކަން ނޭނގި ފަހުދު އަތުވެއްޖެއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ. ރަނގަޅު އެއްގޮތެއްވެސް ނެތެވެ. މައިދައިތަގެ އެ ނިންމުމާމެދު ދެކޮޅު ހެދޭކަށްވެސް ޒާރާއަކަށް ނެތެވެ. އެ ނިންމުން މައިދައިތަ އެ ނިންމީ ޒާރާއަށް ޓަކައެވެ. އެކަމަށް އިންކާރު ކުރެވޭނެ އެއްވެސް ފުރުސަތެއް ޒާރާއަކަށް ނެތެވެ.
ފިކުރުގެ ކަނޑަކަށް ޣަރަގު ވެފައި އިން ޒާރާއަށް އުނގުތެރޭގައި އޮތް ޒިލީ ނިދިކަމެއް ވެސް ނޭނގުނެވެ. މައިދައިތަ އައިސް ޒިލީ ނެގުމަށްފަހު ކުޑައެނދުގައި ބާއްވާލިއެވެ. ޒާރާގެ ގަބުވެފައިވާ ސޫރައަށް ސަރީފާ ފުންކޮށް ބަލާލިއެވެ. އެއަށްފަހު އަރާމުކޮއްލުމަށް ޒާރާ ގާތުގައި ބުނުމަށްފަހު އޭނާ ނިކުމެގެން ދިޔައީއެވެ.
************
ރޭގަނޑުގެ ހަމަހިމޭންކަން މުޅި ދުނިޔެމަތީގައި ރަސްކަންކުރަމުން ދަނީއެވެ. އެނދުގައި ފުރޮޅި ފުރޮޅި ޒާރާ ވަރުބަލި ވެއްޖެއެވެ. ސަރީފާ ނިދިތާ ކިތަންމެ އިރެކެވެ. އޭނާ ނިދާފައި އޮތީ ސޯފާ އެނދުގައެވެ. އެ އެނދު ކައިރިއަށް ޒިލީގެ ކުޑައެނދު ގެންދިޔައީ ޚުދު ސަރީފާއެވެ. ޒިލީ ހޭލިޔަސް ޒާރާއަށް އުނދަގޫވިޔަ ނުދިނުމަށެވެ. އެވަރަށް ޒާރާއާ ދޭތެރޭ ސަރީފާ ވިސްނައެވެ.
ޒާރާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ. ޒާރާ ބިރުގަންނަނީއެވެ. ގަޑިން ބާރަޖެހުމާ ގާތްވެއްޖެއެވެ. ބާރަ ޖަހާއިރު ފަހުދު އަންނާނެއެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ. ޒާރާ ހާސްވަމުން ދިޔައެވެ. ފަހުދު ދެކެ ޒާރާ ބިރުގަނެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ފަހުދުގެ ހިތް ހަމަޖައްސާދޭން ޒާރާ ބޭނުމެވެ. ފަޟީހަތްވެ ބޭޒާރު ވުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ވޭންކަން އޭނާއަށް އެނގޭތީއެވެ. ފަހުދު ރުއްސައިގެން ނޫނީ ޒާރާއަށް ހަމަޖެހުމެއް ނެތްކަމަށް ޒާރާއަށް ގަބޫލު ކުރެވޭތީވެސް މެއެވެ.
ގަޑިން ދަންވަރު ބާރަ ޖަހައިފިއެވެ. ފަހުދު މިސްރާބު ޖަހާފައިވަނީ އޭނާގެ މަންޒިލާ ދިމާއަށެވެ. އާނއެކެވެ. ޒާރާގެ އެޕާޓްމަންޓާ ދިމާއަށެވެ. ހުޅުވުނު ލިފުޓުން ނިކުމެ އެއްވެސް ޚިހާލެއް ފިކުރެއް ނެތި އެޕާޓްމަންޓުގެ މައި ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ.
---------------------------------
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، ނުވައެއް މާރިޗްވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް