ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް، މާތްވެގެންވާ ހަރަމްފުޅު ހުންނަ ބިން، މައްކާ އާއި މަދީނާގައި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން ބުނީ މިއަދުން ފެށިގެން ހަރަމްފުޅަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަމަށެވެ. މިނިންމުން ބަދަލު ކުރާނީ ވައިރަސްގެ ހާލަތަށް ބަލައިގެން ކަމަށް ބުނެފައިވެ އެވެ.
މިދިޔަ ހަފްތާގައި އެންމެ ފުރަތަމަ އެ ގައުމުގެ ސަރުކާރުން ނިންމީ ހަމައެކަނި ސައުދީ ރައްޔިތުންނަށް ހަރަމްފުޅަށް އުމްރާވުމަށާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީއަށް ވަނުމުގެ ހުއްދަ އޮންނަ ގޮތަށެވެ. އެކަމަކު ސައުދީން ކޮރޯނާ ވައިރަސް ފެނިފައިވާތީ އެގައުމުގެ ރައްޔިތުންނަށްވެސް އުމްރާ ކުރުން މަނާ ކުރީ އެވެ.
މިގޮތަށް ނިންމީ މާތްވެގެންވާ މިސްކިތްތަކާއި ސައުދީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ސައުދީން މީހަކު ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވީ މިދިޔަ ހޯމަ ދުވަހުގައެވެ. ކޮރޯނާ ވައިރަސް ފެނިފައިވަނީ ބަހްރެއިން މަގުން އިރާނުން ސައުދީއަށް ދިޔަ މީހެއްގެ ގައިންނެވެ.
ސައުދީން ވަނީ އެ ގައުމަށް ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ބަލި ފެނުމުގެ ކުރިން އުމްރާއަށް މީހުން ދިއުން މަނާ ކުރުމުގެ އިތުރުން ވައިރަސް އެންމެ ބޮޑަށް ފެތުރޭ22 ގައުމެއްގެ މީހުން ސައުދީއަށް އެތެރެވުން ވަނީ މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް