ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިނަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގދ އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އަދި އެ ޕާޓީގެ އިސްވެރިންނާއި މަޖިލީސްގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ގދ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގިތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިނިސްޓަރުންނާއި މަޖިލީސް މެންބަރުން މެދުވެރިކޮށް އެ ރަށްރަށުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ރަށްރަށުގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހަތައް ހުޅުވުމާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިނުމަށް ދޮރުން ދޮރަށް ހިނގުމަށް ހަމަޖެހިފައިވެ އެވެ.
އެމްޑީޕީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތުގައި މިމަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އެކަމަކު ވަކި ތާރީހެއް އިއުލާނެއް ނުކުރައްވައެވެ.
ކުރިޔަށް ކައުންސިލް އިންތިހާބުގައި އެމްޑީޕީން800 އަށްވުރެ ގިނަ ގޮނޑިއަށް ވާދަކުރެ އެވެ. އޭގެ ތެރެއިން މިހާތަނަށް13 ގޮނޑި އިންތިހާބަކާއި ނުލައި ވަނީ ކަށަވަރުވެފަ އެވެ. އެއީ ކޮން ދާއިރާތަކެއް ކަމެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް