އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަނީ އިދިކޮޅުފަރާތްތަކަށް ކޮރޯނާ ވައިރަސް ޖެއްސުމަށްފަހު ކަމަށް ބުނެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ދެއްކެވި ވާހަކައަށް އެ ޕާޓީއިން މާފަށް އެދިއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެން ބަހުސް ކުރައްވަމުންނެވެ.
މުގުނީ ވިދާޅުވީ ހުވަދު އަތޮޅުގެ ކެމްޕެއިން މިއަދު އެމްޑީޕީން ފަށާނީ އެ ބަލީގެ ފަރުވާ ހިފައިގެން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ ދިއިކޮޅު ފަރާތްތައް ކޮރޯނާ ވައިރަހުގައި ޖައްސާފަ ބައިތިއްބާފައި ކަމަށެވެ.
"މިބޭފުޅުން ކަންބޮޑުވެގެން އުޅޭ ކަމަކީ، ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށްދެވޭތޯ އަޅުގަނޑުމެން ހުވަދުއަތޮޅަށް ދަތުރު މިފަށަނީ ފަރުވާ ހިފައިގެން. މައުލޫމަތު ދީގެން، ވައިރަސްއަށް ބޭނުންވާ ފަރުވާ ހިފައިގެން. އިންތިހާބު ކާމިޔާބު ކުރާނީ، ތިބޭފުޅުން ކޮރޯނާ ވައިރަހުގައި ޖައްސާފައި ބައިތިއްބައިގެން،" މުގުނީ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މުގުނީ ދެއްކެވި ވާހަކަފުޅުތަކަށ މާފަށް އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވީދާޅުވީ އެއީ އެބޭފުޅުންގެ އަދި މުގުނީގެ ވެސް ވިސްނުން ނޫން ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ވެސް ވަނީ މުގުނީގެ އެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް