މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް މުޅި ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވިޔަސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކަންކަމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ނުފޫޒުގަދަ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ކޮރޮނާ ވައިރަސްއާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން އަފީފު ވިދާޅުވީ ކޮވިޑް-19 ގެ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގެންނަވާ ހެލްތު މިނިސްޓަރު އަމީނާއި އޭނާ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަންކަމުން ކުރަމަތިވާ ދަތި ކަމަށެވެ.
އަފީފު ވިދާޅުވީ މިނިސްޓަރާއި އެ މިނިސްޓްރީން ކުރަމުންދާ ކަންކަން ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރު އަމަލު ކުރައްވަމުން ގެންދަވަނީ ރައީސް އަންގަވާފައިވާ ގޮތަށްތޯ ބައްލަވަން ޖެހޭ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިން ދޭހަވިގޮތުގައި އަމީން ޖެއްސުމުގެ ގޮތުން ކުރައްވާފައިވަނީ އެންމެ ކަމެކެވެ. އެއީ އެސްޓީއޯއިން ފޭސް މާސްކްތަކެއް ގަންނަން ހެލްތް މިނިސްޓްރީން ދޫކުރަން ޖެހޭ ހުއްދަ އަދިވެސް ނުދިނުމެވެ.
އަފީފު ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ރާއްޖެއަށްވުރެ ބޮޑަށް ތައްޔާރުވެފައިވާ ގައުމެއް ނެތް ކަމަށެވެ. އެގޮތުން ސްރީލަންކާގެ އެއާޕޯޓުތަކުގައި ހުރީ އެންމެ ދެ ސެޓު ކެމެރާ ކަމަށާއި ރާއްޖޭގެ އެއާޕޯޓުގައި10 ކެމެރާ ސެޓު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި ހުސްނުވާނެ ވަރަށް ކާޑުގެ ބާވަތްތައްވެސް ރައްކާކުރެވިފައި އެބަ ހުރިކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތަކުގައި މިހާރު ސަރުކާރު ކޮލިޝަންގައި ތިއްބެވި އެމްޑީޕީގެ ވަޒީރުން ނޫން ބަޔަރު ރަނގަޅު ކަމެއް ކުރައްވާތަނެއް އެމްޑީޕީ މެންބަރުންނަކަށް ފެނިވަޑައެއް ނުގަންނަވައެވެ. ކޮންމެ ޖަލްސާއެއްގައި ހެން އެމްޑީޕީ މެންބަރުން ގެންދަވަނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުންނަށް ބަހުގެ ހަމަލާތައް ދީ މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް