ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން ދޮގުހަދާނެކަމަށް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެންނެވެ. އީވާ ވިދާޅުވީ މިވަރުގެ ބައްޔަކާއި ގުޅޭގޮތުން ދޮގުމައުލޫމާތު ދޭން މިސަރުކާރުން ނޫޅޭނެކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި ދޮގުހަދައިގެން ސަލާމަތްވާން ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށާއި، ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ތެދުމައުލޫމާތު ސާފުކޮށްގެން ތިބުންކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ ސަރުކާރުން އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށާއި، ކަރަންޓީން ކުރާ މީހުންގެ މައުލޫމާތު ސަރުކާރުން ބަރާބަރަށް ހާމަކުރަމުންދާކަމަށެވެ. އަދި މީހަކު އެބައްޔަށް ޓެސްޓް ކޮށްފިނަމަ އެކަމުގެ ނަތީޖާވެސް ބަރާބަރަށް ހަމަކުރަމުންދާކަމަށް އީވާ ވިދާޅުވި އެވެ.
މީގެއިތުރުން އީވާ ވިދާޅުވީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުން ރާއްޖޭގައި ބައްޔެއް އުޅުނަސް ސަރުކާރުން ދޮގުހަދާނެ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެކަމުގައި ދޮގުހަދާ އޮޅުވާލާ ސިއްރު ނުކުރާނެކަމަށް މިއަދުގެ މަޖިލީހުގައި އީވާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް