ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް އަންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަސް...

04 Mar 2020 | 06:14

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް އަންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އަންނާނެ ކަމަށާއި އެ ވަރައިސް ރާއްޖެ ނާންނާނެ ކަމަށް ދެއްކުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގަ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވައިރަސް ރާއްޖެއައުން އެކަށީގެންވި ނަމަވެސް، އެ ބާވަތުގެ ރޯގާތަކަށް ރާއްޖޭގެ ސިއްހީ ނިޒާމަކީ ފަރިތަވެފައިވާ ސިއްހީ ނިޒާމެއް ކަމަށެވެ. އެގޮތުން 1940 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު ރާއްޖެއިން ޕަބްލިކް ހެލްތްގެ މަސައްކަތް އިންތިހާއަށް ގެންގޮސްފައިވާ ކަމަށެވެ.

ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ ރާއްޖެ އަކީ ދުނިޔެއިން ބޭރުގައި އޮންނަ ގައުމެއް ނޫން ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބަޔެއް ރާއްޖެ ވަކި ނާންނާނެ ގޮތެއް ނެހެދޭނެ ކަމަށެވެ. އަދި އެކަމާ ބިރުން ކާބޯތަކެތި އެއްކުރަން އުޅުމަކީ، ޒިންމާދާރު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރސް އަންނާނެ. އެއީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެން ވަރަށް އުދަނގޫ. ރާއްޖެއަށް ވަކި ނާންނާނެ ބަޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެޅީދާނެ ފިޔަވަޅުތައްވެސް ވިދާޅުވެދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް