ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމް ދީނާ ދެކޮޅު ވޯކްޝޮޕްތަކެއް ހިންގަމުން ދަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި އެކު ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދﷲ ހަލީލް ވިދާޅުވި ވާހަކަ ނަޝީދު ދޮގު ކުރައްވައިފި އެވެ.
ނަޝީދު ޓުވިޓާގައި ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އެފަދަ ޖަމާއަތަކަށް އެމަނިކުފާނު އެހީތެރިކަން ފޯރު ނުކޮށްދޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ވޯކްޝޮޕްތައް ހިންގަނީ އެމަނިކުފާނުގެ އެހީތެރިކަމާއި އެކު ކަމަށް ވިދާޅުވެ ހަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފުރަތާއި ފިތުނަވެރިކަން އުފައްދަން ދައްކާ ވާހަކަތައް ކަމަށެވެ.
https://twitter.com/MohamedNasheed/status/1234891646392602625
ހަލީލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ހިންގާ މީހުން ރާއްޖެ ގެނެސް ލާދީނީ ވާހަކަތައް ވިސްނައިދިނުމަށް ވޯކްޝޮޕްތައް ބާއްވަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއި އެކު ސަރުކާރުގެ ބައެއް އިސްވެރިން ކަމަށެވެ. މިފަދަ ތުހުމަތުތަކެއް މީގެ ކުރިންވެސް ނަޝީދުއަށް އިދިކޮޅު ފަރާތްތަކުން މި މައްސަލައިގަ ކުރި އެވެ.
އިތުރަށް އޭނާ ވިދާޅުވީ މުސްލިމުންނާއި ދެކޮޅަށް އިންޑިއާގައި ދެމުންދާ އަނިޔާއަށް ދިވެހި ސަރުކާރުން ހަނު ހުންނަމުންދާއިރު އެޖެންޑާ19 ގެ ސީދާ މަގުސަދު ރައްޔިތުންނަށް ސާފުވަމުންދާ ކަމަށެވެ.
ކުއިލިއަމް ޖަމިއްޔާއިން ބޭއްވި ވޯކްޝޮޕްތަކުގައި ޝިރުކުރުމާއި އިސްލާމް ދީނާ ޓެރަރިޒަމް ގުޅުވައި މައުލޫމާތު ދީފަވާކަމަށްވެ އެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހަރުކަށި ފިކުރުގެ މީހުން ކުރާ ކަމެއްގެ ގޮތުގައި ވޯކްޝޮޕުގެ ބައިވެރިންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވެ އެވެ.
ލާދީނީ ވޯކްޝޮޕްތައް ހިންގި ކަމަށްވަނީ ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އެވެ. މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގައި ހިންގިކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް