ސަރުކާރުގެ ސިޔާސަތަކީ ކަރަންޓަށް ރައްޔިތުން ކުރަން ޖެހޭ ހޭދަ ކުޑަކޮށްދިނުން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ކަރަންޓަށް ކުރަން ޖެހޭ ހޭދަ ކުޑަކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯއި...

04 Mar 2020 | 01:26

ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ކަރަންޓަށް ކުރަން ޖެހޭ ހޭދަ ކުޑަކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އާންމު ފަރުދީ ޒިންމާތަކެއް އެބައޮތް ކަމަށެވެ. އެގޮތުން ކަރަންޓު ބޭނުން ކުރުމުގައި އިސްރާފު ކުރުން ހުއްޓާލައި، ކަރަންޓު ބިލު ކުޑަކުރުމަށް ފަރުދީގޮތުން އެއްބާރުލުން ދިނުމަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން ސްޓެލްކޯއިން އާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ ކަންކަން ކުރެއްވުމުގެ މުހިންމުކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެ އާންމުކޮށް ޑީސަލަށް ކުރާ ހޭދަ ހޫނު މޫސުމުގައި ނުވަ ޕަސެންޓު އިތުރުވާ ކަމަށެވެ.

"ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ހިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލަށް ކުރާ ހޭދަ ނުވަ ޕަސެންޓް އިތުރުވެގެންދޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ސްޓެލްކޯއިން ކުރިޔަށް ގެންދާ އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތަށް އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ތަފާތުތައް ނައްތާލީ މިސަރުކާރުން ކަމަށެވެ. ކަރަންޓު ފޯރުކޮށްދިނުމުގައި ދެން އެންމެ ބޮޑަށް އިސްކަން ދެނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް