އައްޑޫ ސިޓީ ހުޅުމީދޫން ބަޔަކު ޕޮސިޓިވްވެ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. މޮނިޓަރިންނަށް އެރަށްލީ ކޮންޓެކްޓް ޓްރޭސިން ހަދަންށެވެ.
އެޗްޕީއޭއިން ބުނީ އެ ރަށުން ފުރަތަމަ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ މިދިޔަ ހަފުތާގައި އެ ރަށަށް ހޯމް ކަރަންޓީނަށް ދިޔަ ދެ ބިދޭސީން ކަމަށެވެ. އެ ދެމީހުން ކަރަންޓީން ނިމުމުން ޓެސްޓު ކުރި އިރު ޕޮސިޓިވްވިޔަސް އޭރު މައުލޫމާތު ލިބުނު ގޮތުގައި އެމީހުންނާއި އިތުރު ބަޔަކު ކޮންޓެކްޓު ވެފައެއް ނުވެ އެވެ.
އެކަމަކު މިއަދު ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓު ކުރި އިތުރު ހަތަރު ބިދޭސީއަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެމީހުންނަކީ ކުރިން ކަރަންޓިން ނިންމި އިރު ޕޮސިޓިވްވި މީހުންގެ ކޮންޓެކްޓުން ކަން އެނގިފައިވާ ކަމަށެވެ. އެޗްއީއޯސީން ބުނީ އެ ބިދޭސީން ތިބި ސައިޓުން މިހާތަނަށް ހަ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
އެހެންވެ އެ ސައިޓު ކަރަންޓީން ކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކަމަށް ބުނެ އެވެ. އެ ސައިޓުގައި 60 ބިދޭސީން ދިރިއުޅޭ ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.
ކޯވިޑްގެ ކޭސްތައް މިއަހަރު ފެށުނީންސުރެ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. އެގޮތުން މިއަދުވެސް 134 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި މިއަދު ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. އެއީ މި ހަފްތާގައި ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް