3،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި

ރާއްޖޭގައި 3،204 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައވާ ގޮތުގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން 2،786 މީހުންނަށް ވެކްސިން ދީފައ...

04 Feb 2021 | 17:12

ރާއްޖޭގައި 3،204 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައވާ ގޮތުގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން 2،786 މީހުންނަށް ވެކްސިން ދީފައިވަނީ މާލެގެ އެކި ހޮސްޕިޓަލްތަކުގައި އެވެ. އަތޮޅު ތެރޭގައި މިހާތަނަށް ވެކްސިން ދީފައިވަނީ 418 މީހުންނަށެވެ

މިއަދު ވެކްސިން ދީފައިވަނީ ޖުމްލަ 1،626 މީހުންނަށެވެ.

އޭގެ ތެރެއިން މާލޭ ސިޓީގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 1،477 މީހުންނަށެވެ. އަތޮޅު ތެރޭގެ ސެންޓަރުތަކުގައި ވެކްސިން ދީފައިވަނީ 149 މީހުންނަށެވެ.

މިއަދު ވެކްސިން ދީފައިވަނީ މާލޭގެ ހަ ހޮސްޕިޓަލަކުންނާއި އަތޮޅު ތެރޭގެ ހަތަރު ހޮސްޕިޓަލުންނެވެ.

މިއަދު ވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި އަލަށް 65 އަހަރުން މަތީގެ މީހުންނަށާއި ޓީޗަރުންނަށް ވެކްސިން ދޭން ފަށާފައި އެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށްވެސް މިއަދު ވެކްސިން ދޭން ފަށާފައިވެ އެވެ.

މިހާރު ރާއްޖޭގައި ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިންގެ އިތުރުން ހެޔޮ އެދޭ ފަރާތަކުން ވަނީ ޗައިނާއިން އުފައްދާ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒު މިދިޔަ ހަފްތާގައި ހަދިޔާ ކޮށްފައި އެވެ. އަދި އެ ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަން ޗައިނާއިން މިއަދު ވަނީ އިއުލާނުކޮށްފައި އެވެ.

އެކަމަކު އަދި ރާއްޖޭގައި ސައިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް