ޗައިނާއިން 100،000 ޑޯޒުގެ ކޯވިޑް-19 ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާކަން ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިި ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. ސަފީރު ވިދާޅުވީ އެ ތަކެތި ރާއްޖެއަށް އަވަހަށް ގެނެވޭ ގޮތެއް ހަމަޖައްސަން މަޝްވަރާ ކުރަމުންދާނެ ކަމަށެވެ.
ޗައިނާއިން ހަދިޔާ ކުރަނީ އެ ގައުމުގައި އުފައްްދާ ވެކްސިން ކަމަށްވާ ސައިނޯފާމް ވެކްސިންކަން ސަފީރުގެ ޓުވީޓާއި އެކު ހިއްސާ ކޮށްފައިވާ ފޮޓޯއިން އެނގެ އެވެ.
އޭގެ 5،000 ޑޯޒު ވެކްސިން ރާއްޖެއަށް ހެޔޮ އެދޭ ފަރާތަކުން މިދިޔަ ހަފްތާގައި ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެ އެވެ. އެކަމަކު ސައިނޯފާމް ވެކްސިން އަކަށް އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީ) އިން ހުއްދައެއް ނުދެ އެވެ.
https://twitter.com/AmbassadorZhang/status/1357302797717233664
ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައި ވާއިރު އެ ގައުމުން ވަނީ ސައިނޯފާމް ވެކްސިންގެ އިތުރު 13 ގައުމަކަށް ހަދިޔާ ކޮށްފައި އެވެ. އަދި އިތުރު 38 ގައުމަކަށް ވެކްސިން ހަދިޔާ ކުރުމަށް ޗައިނާއިން ވަނީ ނިންމާފައިވެ އެވެ.
މިހާތަނަށް ޗައިނާއިން ވެކްސިން ހަދިޔާ ކުރި ގައުމުތަކުގެ ތެރޭގައި، ނޭޕާލް، ޕާކިސްތާން، މިއަންމާ، ބުރުނާއީ، ލާއޯސ،ް ކެމްބޯޑިއާ، ސްރީލަންކާ އަދި ފަލަސްތީން ހިމެނެ އެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކަށް ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކުރިޔަށް ގެންދާ ކޮވެކްސް ޕްރޮގްރާމަށްވެސް ވެކްސިން ހަދިޔާ ކުރަން ނިންމާފައި އެވެ. އެގޮތުން އެ ޕްރޮގްރާމަށް ސައިނޯފާމްގެ 10 މިލިއަން ޑޯޒު ވެކްސިން ހަދިޔާ ކުރަން ނިންމާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް