އައި.އޯ.އާރު ޑިފެންސް މިނިސްޓަރސް ކޮންކްލޭވްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ބައިވެރިވެވަޑައިގެންފި

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ޤައުމުތަކަށް ނިސްބަތްވާ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރި...

04 Feb 2021 | 10:56

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ޤައުމުތަކަށް ނިސްބަތްވާ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު އިންޑިޔާގެ ބެންގަލޫރުގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޢުޟޫއަކީ "އެންހާންސްޑް ޕީސް، ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން" ނުވަތަ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އަމަނާއި، ޞުލްޙަޔާއި އެއްބާރުލުން އިތުރުކުރުމެވެ.

މި މަޢުޟޫއުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ޤައުމުތަކަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ 2.7 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަދި ދުނިޔޭގެ ތެލުގެ ޝިޕްމަންޓުތަކުގެ ތިންބައިކުޅަ ދެބަޔާއި ކޮންޓެއިނަރު މަނަވަރުތަކުގެ ދެބައިކުޅަ އެއްބައި ހުރަސްކުރާ ޙައްސާސް ސަރަޙައްދެއްކަމަށް ވުމުން، މިސަރަޙައްދުގައި ހިމެނޭ ޤައުމުތަކުން ވަޞީލަތްތައް ޙިއްސާކޮށް، އެއް ހަކަތަޔަކާއި އެއް ހިތްވަރެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަމަނާއި ޞުލްޙަޔަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަފްހޫމުކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، އަމަނާއި ޞުލްޙަ ޤާއިމްކޮށް، ދެމެހެއްޓުމަކީ، އެކަމަށްޓަކައި، ކޮންމެ ދުވަހަކުވެސް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަމަނާއި ޞުލްޙަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށްގެން ކަަމަށެވެ.

ކުރިއާ ޚިލާފަށް، ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި، ޤައުމުތަކުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްސާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި ކާރިސާތަކާއި ނުރައްކަލުގެ ޙާލަތްތަކަށް އިޖާބަދިނުމުގައި ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިކޮންކްލޭވްގައި ޖުމްލަ 27 ޤައުމަކުން ބައިވެރިވެފައިވާއިރު، މިޤައުމުތަކުގެ ތެރޭގައި، ރާއްޖެއާއި އިންޑިޔާގެ އިތުުރުން، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ، އޮސްޓްރޭލިޔާ، ސީޝެލްސް، މޮރިޝަސް އަދި އީރާން ހިމެނެއެވެ.

އިންޑިޔާ ސަރުކާރުން ދެއްވި ދަޢުވަތަކަށް، މިނިސްޓަރ މާރިޔާގެ އަރިހުގައި، ބެންގަލޫރަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސްވަނީ، ދެ ކޮންކްލޭވެއްގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ބުދަދުވަހު ބޭއްވި ޗީފް އޮފް އެއަރ ސްޓާފް ކޮންކްލޭވްގަޔާއި، ބުރާސްފަތިދުވަހު އޮތް ޗީފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ސީ.ޑީ.އެފް ޝަމާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗީފް އޮފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ބައިވެރިވެވަޑައިގެން، ސީ.ޑީ.އެފް ޝަމާލްވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި ކާރިސާތަކަށް އިޖާބަދިނުމާއި އިންސާނީ އެހީ ދިނުމުގައި، އެއްބާރުލުން ދިނުމާއި މަޢުލޫމާތު ޙިއްސާކުރުމާއި އިންޓަރއޮޕެރަބިލިޓީ އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް