ފަހުދު ސޯފާގައި ހަމަޖެހިލަމުން ލޯމަރާލިއެވެ. ޒާރާގެ ރީތި ސޫރާ އޭނާގެ ލޯ ކުރިމަތީގައި އެނބުރިގަތެވެ. ކެތްތެރިކަން ކޮޅުންލާފައިވަނީ ޒާރާ ދެކިލުމަށެވެ.
''ފަހުދުގެ ކަންތައް ހުންނާނީ ތިހެން.............. ބޮޑެއް ނުވޭ ވިއްޔަ................'' ސަރީފާ ނުހަނު ލޯބިން ފަހުދުގެ ބޮލުގައި ފިރުމާލިއެވެ. އަމިއްލަ ދަރިއަކު ދެކެވާ ލޯބި އޭނާ ފަހުދު ދެކެ ވެއެވެ. އެންމެ ތުއްތު އިރުއްސުރެ ފަހުދު ބޮޑުވީ ސަރީފާގެ ލޯމަތީގައެވެ.
ޖީނާ ކާމޭޒުމަތި ތައްޔާރު ކޮއްލުމަށްފަހު ސަރީފާ އަށް އަންގާލިއެވެ. އެވަގުތު ލޯ މަރާލައިގެން އޮތް ފަހުދު ލޯހުޅުވާލިއެވެ. އޭނާގެ ސިނކުޑިތެރޭގައި ރާވަމުން ދިޔަ ރޭވުން ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅަމުންނެވެ.
''އެއްޗިހި ބަދަލުކޮއްގެން ކާން އުޅޭ........... ވަރުބަލިވެފައެއްނު ތިއޮތީ ............... ކައިގެން ދޭބަލަ އަރާމުކޮއްލަން.............'' ސަރީފާ ފަހުދުގެ މޫނަށް ބަލާލަމުން ބުންޏެވެ. އެހާ ދިގު ދަތުރެއް ކޮއްފައި އަންނައިރު ވަރުބަލިވާނެވަރު އޭނާއަށް އިހްސާސް ކުރެވެއެވެ.
''ފަހުދުގެ ކޮޓަރި ސާފުކޮއްލަން ދޭ ޖީނާ................ އަހަރެން ޒާރާގެ ކާއެއްޗިހި ތައްޔާރު ކޮއްލާނަން...............'' ސަރީފާގެ އެންގުމަށް ޖީނާ ކިޔަމަންތެރިކަން އަދާކުރަމުން ހިނގައިގަތީ ފަހުދުގެ ކޮޓަރިއާ ދިމާއަށެވެ. އެތަން ހުންނާނީ ސާފުތާހިރުކޮއް ކަމުގައިވިޔަސް އެނދުގައި ބެޑްޝީޓް ބަދަލުކުރުމާ ކާޕެޓް ސާފުކޮއްލަން ޖެހޭނެތީއެވެ.
ޒާރާގެ ނަން އަޑު އިވުމާއެކު ފަހުދުގެ ހިތް ތެޅިލިއެވެ. ރޫހަށް ދިރުން ލިބުނު ކަހަލައެވެ. ވަރުބަލިކަން އިހްސާސްވަމުންދިޔަ ހަށިގަނޑުން ވަރުބަލިކަން ފިލައިގެން ދިޔަކަހަލައެވެ. މަޑުމަޑުން ތެދުވެ ސޯފާގައި އިށީދެލަމުން ފަހުދު ބަލާލީ ޓީވީ ޕްރޮގްރާމް ގެ ތެރެއަށް ގެއްލިފައި އިން އޭނާގެ ބޮޑުދައިތަގެ މޫނަށެވެ.
''އެއްވެސް ވަރުބައްޔެއް ނޫން.......... ކާހިތެއްވެސް ނެތް.............. ތިޔެއް ނޫނޭ............... ބޯއްތަ އެބަޖެހޭ ކަމެއް ކޮއްދޭން.................... ބުނޭ އާނއެކޭ...............'' ސަރީފާގެ އަތުގައި ހިފާލަމުން ފަހުދު ނިކަން ލޯބިން ބުނެލިއެވެ.
''ކޮންކަމެއް އަނެއްކާ............'' ސަރީފާއިނީ ހިތްހަމަޖެހިފައެވެ. އެފަދަ ވަގުތެއްގައި ސަރީފާ އެއްބަސް ކުރުވުމަކީ ނިކަން ފަސޭހަ ކަމަކަށް ވާނެކަން ފަހުދަށް އެނގެއެވެ. އެންމެ ތުއްތު އިރުއްސުރެވެސް ފަހުދަށް އޭނާގެ ބޮޑުދައިތަގެ މިޒާޖު އެނގެއެވެ.
''ފަހަރިއަށް ކާއެއްޗިހި ގެންދަނީ ޖީނާތަ.............'' ފަހުދު ކުރީ ސަރީފާ ހިތައްވެސް ނާރާފަދަ ސުވާލެކެވެ.
''ޖީނާވެސް ފޮނުވަން ބައެއްފަހަރު.............. މިރޭ ދާނީ ބޮޑުދައިތަ............. ކިހިނެތްވީ.............. '' ސަރީފާ އޮޅުންފިލުވައިދިނެވެ. އަދި ތެދުވެގެން ކާ މޭޒާ ދިމާއަށް ހިނގައިގަތެވެ. ފަހުދުވެސް ފަހަތުން ހިނގައިގަތެވެ.
''ކާން އުޅޭ.............. ބޮޑުދައިތަ އަންނާނަން އެބަޔަށް ގޮސްލާފަ.............. ފަހުދުގެ އެއްޗިހި ކޮބާ...............'' ސަރީފާ އެހެންބުނުމުން ފަހުދު ހަނދާންވިއެވެ.
''ބޭރުގަ........... ދޮރުކައިރީގަ ހުންނާނެ ފޮށި.............'' ފަރުވާކުޑަގޮތަކަށް ފަހުދު ޖަވާބު ދިނެވެ.
''ފޮށިވެސް ބޭރަށް ދޫކޮއްލާފަ ހަމަޖެހިލައިގެން ތި އޮންނަނީ.............. ގެއްލިއްޖިއްޔާޔޯ...........'' ސަރީފާ ކަންބޮޑުވީ ފަހުދުގެ ފަރުވާ ކުޑަކަމުންނެވެ.
''ބޯއްތައަކަށް ނޭނގޭނެ ...........ފޮށި ގެއްލުނަސް އޯކޭ............ އަދި އަހރެންގެ ހުރިހާއެއްޗެއް ގެއްލުނަސް ފަރުވާލެއް ނެތް.............. އަހަރެންގެ ފޮއްޓަށްވުރެ އަހަންނަށް މާ މުހިންމު އެއްޗެއް މިގޭތެރޭތެރޭގައިވޭ..........'' ފަހުދު ހިނިތުންވެލިއެވެ. ފަހުދުގެ މޫނަށް ސަރީފާ ބަލާލީ ސުވާލުގެ ބެލުމަކުންނެވެ.
''ބޯއްތާ............. ހާދަ ސީރިއަސްވީ........... މިބުނީ ލޯބި އަހަންނަށް މާ މުހިއްމޭ........... ބޯއްތަމެން އަހަރެން ދެކެ ވާ ލޯބި ބީވެގެން ދާކަށް ނޭދެމޭ...............'' ފަހުދު ވާހަކަ އޮޅުވާލިއެވެ. ސަރީފާ ތަބަކުގައި ތަށިތައް އަތުރައިގެން އިމްރާނުގެ އެޕާޓްމަންޓާ ދިމާއަށް ދާން ހިގައިގަތެވެ.
''ބޯއްތާ............ ފަހަރި ގާތުގައި އަހަރެން އައިވާހަކަ ނުބުނާތި............ ޕްލީސް.......... އިއްމަ ދީފަހުރި ވަރަށް ގިނަ ސާމާނު އެބަހުރި............. އެ ހިފައިގެން ދާން ބޭނުމީ މާދަމާ.............. ފަހަރިއަށް ސަޕްރައިޒެއް ދެވޭނީ އޭރުންނެއްނު.......... ޕްލީސް ނުބުނާތި އިނގޭ......... '' ފަހުދު ސަރީފާގެ ފަހަތުން އައިސް ހުއްޓުވަމުން އެދުނެވެ. ފަހުދުގެ އެ އެދުން ސަރީފާ ގަބޫލުކުރިއެވެ. އަދި ޒާރާއަށް ސަޕްރައިޒް ދިނުމަކީ ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި އުފާލިބޭނެކަމެއް ކަމުގައި ސަރީފާ އަށް ވެސް ގަބޫލު ކުރެވުނެވެ.
ފަހުދު ކައި ނިމިގެން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޖައްސާލީ ސިޓިންރޫމް ސޯފާގައެވެ. ޓީވީ އިން ޗެނަލް ބަދަލު ކޮއްލަ ކޮއްލާ އޭނާ އެއޮތީ ވަކި ވަގުތެއްގެ އިންތިޒާރުގައެވެ. ޓިވީއަށް ސަމާލުކަން ދީގެން އޮތް ކަމަށް ހީވިޔަސް ހަގީގަތުގައި ފަހުދުގެ ސަމާލުކަން ހުއްޓިފައިވަނީ ބަދިގެ ތެރޭގައި އަވަދިނެތި އުޅުނު ޖީނާގެ ހަރަކާތްތަކަށެވެ. ޖީނާއަށް ފަހުދު އޭނާއާ ދިމާއަށް ބަލާކަން އިހްސާސް ނުވާގޮތަށް ޖީނާގެ ހަރަކާތްތަކަށް ފަހުދު ފާރަލަމުން އެދަނީ އޭނާގެ ހިތުގެ އެދުން ހާސިލް ކުރުމަށް މަގުފަހިވާން އޮތީ އެގޮތަށް ކަންތައް ކޮއްގެން ކަމަށް ވާތީއެވެ.
ބަދިގޭ މަސައްކަތް ނިންމާލުމަށްފަހު ޖީނާ ކިރުތަށި ތައްޔާރުކުރިއެވެ. ފަހުދާ ޒާރާގެ ކިރުތަށި ވަކިން ތައްޔާރު ކުރިއިރު ސަރީފާގެ ކިރުތަށި ތައްޔަރުކުރީ ވަކިވައްތަރެއްގެ ކިރެއް އަޅައިގެންނެވެ. އެއީ އެކަން އަބަދުވެސް ހިނގާގޮތެވެ. ސިއްހީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުމަށްޓަކައި ދުވަސްވީ މީހުނަށް ޙާއްސަކޮއް އުފައްދާފައި ހުންނަ ކިރު ސަރީފާ ބޭނުންކުރާތާ ކިތަންމެ ދުވަހެކެވެ. ކަށި ފީވުމުން ދުރުކޮއްދިނުމާ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްތައް އެފަދަ ކިރުން ލިއްބައިދޭތީއެވެ.
'' މީ ކޮންހާ ކިރުތަށިތަކެއް...............'' ފަހުދު ސޯފާއިން ތެދުވެގެން ކާ މޭޒު ކައިރިއަށް ޖެހިލަމުން ޖީނާއާ ސުވާލު ކުރިއެވެ.
''މީ މެޑަމްގެ ........... ދެން ކުޑަ މެޑަމް......... ދެން ބޭބެ.........'' ޖީނާ ފަހަރަކު ކިރުތައްޓެއްގައި އިނގިލޖައްސަމުން އޮޅުން ފިލުވައިދިނެވެ.
''އެހެންތަ............. އަހަރެން ބޯއްތަ އަންނަންދެން މިތަނުގަ މަޑުކުރާނަން ............. ޖީނާ ދެން ދޭ ނިދަން...............'' ފަހުދު ގޮޑީގައި އިށީނަމުން ބުންޏެވެ. އެއްބަސް ވުމުގެ ގޮތުން ޖީނާ ދެފަރާތަށް ބޯ ހަލުވާލިއެވެ. ދުވާލު ހަތަރުދަމުގެ ބުރަ މަސައްކަތަށްފަހު ޖީނާއަށް ވަނީ ވަރުބަލިކަން އިހްސާސް ކުރެވި އޮށޯވެލަން ބޭނުންވެފައެވެ. ޖީނާ ގޮސް އޭނާގެ ކޮޓަރިއަށް ވަންނަންދެން ފަހުދު ބަލަން އިނެވެ. އެއަށްފަހު ވަށައިގެން ހޯދާލީ އެއްވެސް މީހަކު ފެންނަން ނެތްކަން ޔަގީން ކުރުމުގެ ގޮތުންނެވެ.
ޖީބުން ކުޑަ ބޭސް ކާޑެއް ފަހުދު ނެގިއެވެ. އަދި އޭގެން ދެގުޅަ ބޭސް ނައްޓާލުމަށްފަހު ޒާރާގެ ކިރުތައްޓަށް އެއްގުޅަ ވައްޓާލިއެވެ. އަނެއްގުޅަ ވައްޓާލީ އޭނާގެ ބޮޑުދައިތަގެ ކިރުތައްޓަށެވެ. ސަމުސަލަކުން ކިރުތަށި ގިރާލިއެވެ. އެއަށްފަހު ފަހުދުގެ ކިރުތަށިން މަދުމަދުން އެތިފޮދު ބޯލަބޯލާ އިނީ އޭނާގެ ބޮޑުދައިތަގެ އިންތިޒާރުގައެވެ.
މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.
''އައްދެ އަދިވެސް އިނީ؟........... މިހާރު އެއޮއް ދިހައެއް ޖެހީ........... ކޮބާ ޖީނާ............. މި ކިރުތަށި ނުގެންގޮސް ލަސްވީމަ މިއައީ.............. ޒާރާއަށްވެސް އަވަހަށް އޮށޯވެވޭނީ މި އަވަހަށް ގެންދިޔައިމަ އެއްނު........... އަދިވެސް ބައެއްކަންކަން ޖީނާއަށް ޖެހެނީ ތަކުރާރުކޮއް ހަނދާންކޮއްދޭން.............. ޖީނާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ ކުޑަކުއްޖަކު ގޮވައިގެން އެކަނި މާއެކަނި ޒާރާ އުޅޭއިރު، ވަރުބަލިވާނެކަން............ ރޭގަނޑުވެސް އަވަހަށް ނިދަން ޖެހޭނެކަން............'' ސަރީފާ ކުދިކިޔާލިއެވެ.
''ބޯއްތާ.............. އޭނާ މިތަނުގަ ހުރެފަ ބޮލުގަ ރިއްސާވާހަކަ ބުނީމަ އަހަރެން ބުނީ ދެން ނިދާލަން ދާށޭ.............. އެހެންނޫނަސް އަދި އެހާ ލަހެއް ނުވެ އެއްނު................ '' ފަހުދު ބެލީ ސަރީފާއަށް ވިސްނައިދެވޭތޯއެވެ.
''ތިޔަހެން ބުނީމަ........... ބޮޑުދައިތަވެސް މިއުޅެނީ ބޮލުގަ ރިއްސާތީ........ މިހާރު ދެތިން ދުވަސް ވެއްޖެ............. ލޭގެ ކަމެއްހެން ހީވަނީ............... މިފަހަރު ދެއްކި އިރު ހުރީ މަތިކޮށް ތަންކޮޅެއް............'' ސަރީފާ ފުން ނޭވާއެއް ބޭރުކޮއްލިއެވެ.
މާބޮޑަށް ނުވިސްނުމަށް ފަހުދު އޭނާގެ ބޮޑުދައިތައަށް ނަސޭހަތްތެރިވިއެވެ. އަލިބެ ބަލިވިފަހުން މާ ބޮޑަށް ވިސްނޭކަން ސަރީފާއަށްވެސް ގަބޫލުކުރެވެއެވެ.
ވަގުތު ފާއިތުވަމުންގޮސް މެންދަމުގެ ވަގުތުތައް ފެށިއްޖެއެވެ. ގަޑިން އެއްގަޑި ބައިވީއެވެ. އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތް ފަހުދު އެނދުން ތެދުވިއެވެ. ފެންވަރާ ތާޒާވެލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނެގިއެވެ. އެއީ އިމްރާން އޭނާއަށް ދިން ޓީޝާޓެކެވެ. އެއްވަތަރު ދެ ޓީޝާޓް ގަނެވުމުން ފަހުދަށް އެކަތި ދިނީއެވެ. ސެންޓް ފުޅިތަކުގެ ތެރެއިން ސެންޓްފުޅިއެއް ނެގިއެވެ. މުޅިގަޔަށް ސެންޓް ބުރުވާލިއެވެ. އެއީ ހަމަ އެވަހެވެ. އިމްރާންގައިން ދުވާ މަޑުމަޑު މީރުވަހެވެ. ފަހުދު ހިނިތުން ވެލިއެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ތަޅުދަނޑި ނެގުމަށްފަހު އެ ތަޅުދަނޑިއަށް ބަލާލިއެވެ. އެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން ފަހުދު އޭނާގެ ބޮޑުދައިތަގެ ތަޅުދަނޑިފަތިން ވަކިކޮއްލި ތަޅުދަނޑިއެކެވެ. ތަޅުދަނޑި ޖީބަށް ލުމަށްފަހު ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. މަޑުމަޑުން މިސްރާބު ޖެހީ ލިފުޓާ ދިމާލަށެވެ.
-------------
ނުނިމޭ.. ވާހަކައިގެ އާ ބައެއް އިންޝާﷲ، ނުވައެއް ފެބްރުއަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް