ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު މެމްބަރުން ކުރި ޝަކުވާ ރައީސް އައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ބެނާ ހިފައިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިދިކޮޅު މެމްބަރުން ކުރެއްވި ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު...

04 Feb 2021 | 08:27

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ބެނާ ހިފައިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިދިކޮޅު މެމްބަރުން ކުރެއްވި ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްސަވައިފި އެވެ.

އިދިކޮޅުން ގެންގުޅުނު މި ބެނާ ހިފައިގެން ތިއްބެވީ މާވަށު ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ ބެނާގައި ވަނީ "ރައީސް ޔާމީން މިނިވަން ކުރޭ" އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި އެވެ.

އާންމުވެފައިވާ ބައެއް ވީޑިއޯތަކުން އެ ބެނާ ހިފައިންގެ އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަންނަން މަސައްކަތް ކުރެ އެވެ. އެކަމަކު ރައީސްގެ ސެކިއުރިޓީން އެ މެމްބަރުންނަށް ހުރަސް އަޅައެވެ.

މިއަދުގެ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓު ކުރެއްވުމަށް ފަހު މެމްބަރުން ބެނާ ހިފައިން ތިބީ މަޖިލީހުގެ އިދާރާގެ އެތެރޭ ދޮރު ކައިރީގައި އެވެ. ރައީސް ޖަލްސާއަށް ފަހު ނިކުމެވަޑައިގެން އެ މެމްބަރުނާއި ވާހަަކަ ދެއްކެވީ އެތަނުގައި އެވެ.

ރައީސް އާއި ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން މީޑިއާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ރައީސްގެ އަރިހުން އެދުނު ކަމަށެވެ. އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް އެދުނު ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަކުވާތައް ހުށަހެޅުމުން އެކަން ބަލައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

އެ މެމްބަރުން ވަނީ ބެނާ ހިފައިގެން މަޖިލީހުގެ އިދާރާ ތެރޭގެ އިތުރުން މަގުމަތީގައިވެސް އިދިކޮޅުން ވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް