ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަސިޓީއިން އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ޑާޓާ ނުދޭ މައްސަލާގައި ދަރިވަރުން ހިތްހަމަ ނުޖެހުން ފާޅުކުރަނީ

ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަސިޓީގެ އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ފްރީ ޑާޓާ ނުދޭ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައި މި ވަނީ މި ހިނގާ 2021 ވަނަ އަހަރުގެ ޓާރމް އެކެއްގެ...

04 Feb 2021 | 08:13

ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަސިޓީގެ އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ފްރީ ޑާޓާ ނުދޭ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައި މި ވަނީ މި ހިނގާ 2021 ވަނަ އަހަރުގެ ޓާރމް އެކެއްގެ ގެ ކިޔެވުން ފެށެން ތައްޔާރުވެފައި ވަނިކޮށެވެ. އެގޮތުން ޔުނިވަރސިޓީގެ ބައެއް ދަރިވަރުން ދުވަސް އަށް މަޢުލުމާތުދީފައިވާ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދަން ނިންމާފައިވާއިރު އަދިވެސް ޑާޓާ ނުލިބޭ ކަމަށެވެ.

2020 ވަނަ އަހަރުގެ ޕެންޑެމިކް އާ ގުޅިގެން ޔުނިވަސިޓީގެ ކޯސްތަކުގެ ކިޔެވުންވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުވެ, ނިމުނު އަހަރުގެ ދެ ވަނަ ޓާރމް ގައިވެސް އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ޑާޓާ ދިނުމަށް ދަރިވަރުންގެ މަޢުލޫމާތުތައް ނެގި ކަމުގައި ޔުނިވަސިޓީގެ ދަރިވަރުން ތަކެއް ބުނެފައިވެއެވެ.

އެހެން ނަމަވެސް ސަރުކާރުން ހިލޭ ދޭ މި ޑާޓާ ބައެއް ދަރިވަރުންނަށް ނިމުނު އަހަރުގައި އެންމެ މަހަކު ލިބިފައިވާ އިރުގައި އަނެއްބައި ދަރިވަރުންނަށް އެންމެ މަހަކުވެސް ނުލިބި މުޅި ޓާރމް ނިމިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

"ސަރުކާރުން ޔުނިވަސިޓީގެ ދަރިވަރުންނަށް ދޭ ފްރީ ޑާޓާ ދިނުމަށް އަހަރެމެން ލައްވާ ގޫގުލް ފޯމެއް ފުރުވި. އަހަރެންވެސް ވާނެ އެ ފޯމް ފުރާފަ. އެކަމަކު ޓަރމް ދެބައިވި އިރުވެސް ޑާޓާ ނުލިބޭ. ދެން ޔުނިވަރސިޓީގެ ސްޓޫޑެންޓް އެޑްމިން އަށާ އަދި ޔޫނިއަންއަށްވެސް އެކަމުގަ މެއިލް ކުރީން. ފުރަތަމަ ކުރި މެއިލްގެ ޖަވާބުވެސް ލިބުނު. އޭގަ އޮތް ލިޔެފަ ޑީޓެއިލްސްތައް އޫރެދޫއަށް ފޮނުވާފަ ވާނެކަމަށް. ދެންވެސް ނުލިބިގެން މެއިލް ކުރީމަ އެއަށް ފަހުން އެއްވެސް ރިޕްލައި އެއް ނުލިބޭ."

ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގައި މިހާރުވެސް ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރަކު ބުނެފައިވެއެވެ.

"އަހަރެމެން ކޮންމެ ފަހަރަކު ކުލާސް ނަގަންވީމަ ދެން މިދަނީ ސުކޫލު ވައިފައި އަށް. އެކަމަކު ކުލާސް ނަގަން ދާ ފަހުންވެސް އެބަ އަންނަން ކުލާސް ކެންސަލް ވެގެން ގެއަށް. މިހެން ދިމާވާތީ ވަރަށް އުނދަގޫވޭ ޙަޤީޤަތުގަ!" އެހެން ދަރިވަރަކު ބުނެފައިވެއެވެ.

"އަހަރެންނަށް ޑާޓާ ލިބުން އެއް މަހުގައި. ދެން ނުލިބޭ އެއްވެސް ވަރަކަށް." އެހެން ދަރިވަރަކު ފާހަގަކޮށްފައިވެއެވެ.

"ކޯވިޑްގެ މި ޕެންޑެމިކްގެ ހާލަތުގައި ގިނަ ބަޔަކު ވަޒީފާ ގެއްލި އަދި އެހެންވެސް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި ޑާޓާ އަޅާނެ ލާރި ކިހިނެތްތޯ ހުންނާނީ! މިއުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެން." އެހެން ދަރިވަރަކު ފާހަގަކޮށްފައިވެއެވެ.

ކޯވިޑް އާ ގުޅިގެން އެޅުނު އެންމެ ފަހުގެ ފިޔަވަޅު ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ ކިޔެވުން އޮންލައިން ކިޔެވުމަކަށް ބަދަލުކުރީ މި ހިނގާ ހަފުތާ ތެރޭގައެވެ. ސުވާލަކީ މި އަހަރުގެ ޓާރމް އެކެއް ނިމޭނީ ވެސް ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ ފްރީ ޑާޓާ ނުލިބި ހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް