އަމާޒެއް ނެތި އިތުރުފުޅު ހެއްދެވި ރިޔާސީ ބަޔާނަށް ޖަވާބު ދޭނަން: ޕީޕީއެމް

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުވުމުގެ ޖަލްސާގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ޖަވާބުދާރީވާނެ ކަމަށް އެ ޕާޓ...

04 Feb 2021 | 07:58

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުވުމުގެ ޖަލްސާގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ޖަވާބުދާރީވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް ސަރުކާރު ހިންގާ ޕާޓީ ފިޔަވާ މަޖިލީހުގައި އެންމެ މެމްބަރުން ގިނަ ޕާޓީން ޖަވާބު ދޭން ޖެހޭނެ އެވެ. މިވަގުތު އެމްޑީޕީ ފިޔަވާ މަޖިލީހުގައި އެންމެ މެމްބަރުން ގިނައީ 16 މެމްބަރުންނާއި އެކު ޕީޕީއެމްއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް އެޕާޓީން ޖަވާބު ދޭނެ ކަމަށެވެ. އަދި ޖަވާބު ތައްޔާރު ކުރެވުނުހާ އަވަހަކަށް އެކަން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން އިދިކޮޅު މަޖިލީސް މެމްބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ އަމާޒެއްނެތި އިތުރުފުޅު ހައްދަވާ ވެރިއެއްކަން އަނެއްކާވެސް އަމިއްލަފުޅަށް ދެއްވި ރިޔާސީ ބަޔާނުން ސާބިތު ކޮށްދެއްވައިފި ކަމަށެވެ. އޭނާ ވިދާޅުވީ ކުރައްވާނެ ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ ހަގީގަތަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދިޔަ އިރު މަޖިލީސް އިދާރާ ހިމެނޭ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތކުން ވަނީ މުޒާހަރާ ކޮށްފައި އެވެ. އެމުޒާހަރާގައި ގޮވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް