ހއ، ނ، ލ އަދި ފުވައްމުލަކު ސިޓީގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި

ތިން އަތޮޅަކާއި ފުވައްމުލަކު ސިޓީގައި މިއަދު ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. "ދުވަސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ މިއަދު އަލަށް ކޯވިޑް-19 ވެކްސިން ދޭން ފެށީ ހއ. ދިއްދޫގައި ހުންނަ އ...

04 Feb 2021 | 06:55

ތިން އަތޮޅަކާއި ފުވައްމުލަކު ސިޓީގައި މިއަދު ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

"ދުވަސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ މިއަދު އަލަށް ކޯވިޑް-19 ވެކްސިން ދޭން ފެށީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް، ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ. ދެން މިއަދު ވެކްސިން ދޭން ފެށީ ފުވައްމުލަކު ސިޓީގައި ހުންނަ ޏ. އަތޮޅު ހޮސްޕިޓަލްގައި ކަމަށެވެ.

އެޗްއީއޯސީން ބުނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. އެގޮތުން އިއްޔެ ވެކްސިން ދޭން ފެށީ ހަމައެކަނި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެވެ.

އެ ސެންޓަރުން ބުނީ މާދަމާވެސް އިތުރު ހޮސްޕިޓަލްތަކެއްގައި ވެކްސިން ދޭން ފަށަން މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ވެކްސިން ޕްރޮގްރާމް ފެށޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 1،578 މީހުންނަށެވެ. ގެ ތެރެއިން 1،309 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭ ސިޓީގައި އެވެ. އަތޮޅު ތެރޭގައި 269 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް ކޯވިޑް-19 ވެކްސިން ދެމުންދިޔައީ ނުވަ ހޮސްޕިޓަލެއްގައި އެވެ.

އެއީ މާލޭ ސިޓީން، އައިޖީއެމްއެޗު، ހުޅުމަލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދެމުން ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް