ރޯދައަށް ތައްޔާރުވަމާ 1

ރޯދަ ފެށެން 68 ދުވަހަށް ވެފައިވާއިރު, ދުރާލާ ރޯދަމަހަށް ކެއުމަށާއު ބުއިމަށް އަދި ކުޅިވަރު ކުޅޭ ސާމާނުތައް ތައްޔާރުކުރާ އުސޫލުން މީހާގެ ނަފުޞުވެސް ރޯދައަށް ތައްޔާރުކުރަން އެބަ ޖެހެއެވެ. އެގޮތުން ރޯދަ މ...

04 Feb 2021 | 05:49

ރޯދަ ފެށެން 68 ދުވަހަށް ވެފައިވާއިރު, ދުރާލާ ރޯދަމަހަށް ކެއުމަށާއު ބުއިމަށް އަދި ކުޅިވަރު ކުޅޭ ސާމާނުތައް ތައްޔާރުކުރާ އުސޫލުން މީހާގެ ނަފުޞުވެސް ރޯދައަށް ތައްޔާރުކުރަން އެބަ ޖެހެއެވެ. އެގޮތުން ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީ ހިނދު އެ މާތް މައްސަރުގައި އެންމެ ގިނައިން ކުރާ އެންމެ ޚާއްޞަ އެއް ނަމާދަކީ ތަރަވީޙް ނަމާދެވެ. އެހެން ކަމުން މި ލިޔުމުގައި ތަރާވީޙް އަދި ދަމު ނަމާދުގައިވެސް ސަޖިދާގައި ކުރެވިދާނެ ދުޢާތަކަށް ބަލައިލާނަމެވެ. އެއީ ސަޖިދައަކީ އަޅާއާއި އޭނާގެ ވެރި ރަސްކަލާންގެއާ އެންމެ ކުއްތަންވާ ވަޤުތެވެ.

މާތް ﷲ އާ އަޅާ އެންމެ ކުއްތަންވެވޭ ވަގުތަކީ އަޅާ ސަޖިދައިގާ އޮންނަ ވަގުތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ މާނައީ: ”އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކުއްތަންވާ ވަގުތަކީ އޭނާ ސަޖިދައިގާ އޮންނަ ވަގުތެވެ. ފަހެ ތިޔަބައިމީހުން (ސަޖިދައިގާ) ދުޢާކުރުން ގިނަކުރާށެވެ."

ދުޢާތައް

1 ޙުޛައިފަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ކުރައްވާ ހިނދު ވިދާޅުވެއެވެ. سُبْحَانَ رَبِّيَ الأَعْلَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”މިއަޅާ ހައްދަވާބޮޑުކުރެއްވި މަތިވެރި ރައްބުގެ ހުސްޠާހިރު ވަންތަކަމާއެވެ."

2 ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރުކޫޢުގައާއި ސަޖިދައިގާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުޢާކުރެއްވުން ގިނަކުރައްވައެވެ. سُبْحَانَكَ اَللَّهُمَّ رَبَّنَا وَبِحَمْدِكَ، اَللَّهُمَّ اِغْفِرْ لِي  (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)

މާނައީ: ”އިބަ ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އޭ ﷲ! އޭ އަޅަމެންގެ ވެރިއިލާހު! އަދި ހުރިހާ ޙަމްދު ތަޢުރީފެއް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. އޭ ﷲ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ."

3 ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރުކޫޢުގައާއި ސަޖިދާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާކަމުގައިވިއެވެ. سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ (ރިވާކުރެއްވީ މުސްލިމް)

މާނައީ: ”އެކަލާނގެ ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވެއެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެކަލާނގެއީ މަލާއިކަތުންނާއި، ޖިބްރީލުގެ ވެރިރަސްކަލާނގެއެވެ.

4 ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަކުރައްވާ ހިނދު ވިދާޅުވާކަމުގައިވިއެވެ. اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَصَوَّرَهُ فَأَحْسَنَ صُورَتَهُ وَشَقَّ سَمْعَهُ وَبَصَرَهُ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (ރިވާކުރެއްވީ މުސްލިމް)

މާނައީ: ”އޭ ﷲ! މިއަޅާ އިބަ ﷲ އަށް ސަޖިދަކޮށްފީމެވެ. އަދި މިއަޅާ އިބަ ﷲ އަށް އީމާން ވެއްޖައީމެވެ. އަދި މިއަޅާ އިބަ ﷲ އަށް ބޯލަނބައި ކިޔަމަންވެއްޖައީމެވެ. މިއަޅާގެ މޫނުހައްދަވާ އެމޫނު ބުރުސޫރަ ކުރައްވާ އެމޫނުގެ އިވުމާއި، ފެނުން ހާމަކޮށް ދެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަ ކޮށްފިއެވެ. ﷲ ގެ މަތިވެރި ކަމާއެވެ! އެކަލާނގެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ."

5 ޢައުފް ބުނު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދާގައި ވިދާޅުވާކަމުގައިވިއެވެ. سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ ‏ (ރިވާކުރެއްވީ އަބޫދާއޫދު)

މާނައީ:”ގަދަފަދަކަމާއި، ވެރިކަމާއި، ބޮޑުކަމާއި، މަތިވެރިކަމުގެ ވެރިއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ."

6 އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދާގައި ވިދާޅުވާކަމުގައިވިއެވެ. اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ  (ރިވާކުރެއްވީ މުސްލިމް)

މާނައީ: ”އޭ ﷲ! މިއަޅާގެ ހުރިހާ ފާފަތަކެއް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ."

7 ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގާ ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ  (ރިވާކުރެއްވީ މުސްލިމް)

މާނައީ: ”އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަގެ ޙަޟްރަތަށް ދަންނަވަމެވެ. އިޝާއަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދުނުކުރެވޭހައި ގިނައެވެ. އިބަ ﷲ އީ އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ."

8 ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގާ ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. اللَّهُمَّ اغْفِرْ لِي مَا أَسْرَرْتُ وَمَا أَعْلَنْتُ (ރިވާކުރެއްވީ ނަސާއީ)

މާނައީ: ”އޭ ﷲ! މިއަޅާ ސިއްރުގައްޔާއި ފާޅުގައި ކުޅަހައި ފާފަތަކެއް ފުއްސަވާނދޭވެ!"

9 ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގާ ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. سُبْحَانَكَ وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އެންމެހާ ޙައްދެއް ވަނީ އިބައިލާހަށެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ."

ނޯޓު: މި ދުޢާތައް ފަރުޟުނަމާދުތަކާއި ސުންނަތްނަމާދުތަކުގައި ވެސް ކުރެވިދާނެއެވެ.

ދުޢާ ތަކުގެ މަސްދަރު: ޞަލާތު އެމްވީ އެޕް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް