މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކެންސަރު ބައްޔަށް އާންމު ހޭލުންތެރިކަން އިތުރުކޮށް، މިބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ދުވަހެވެ.
ޔޫނިއަން ފޮރ އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލް، ޔޫ.އައި.ސީ.ސީގެ އިސްނެގުމުގެ މަތިން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުގެ ހަތަރު ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ވޯލްޑް ކެންސަރ ޑިކްލަރޭޝަންގައި ކަޑައަޅާފައިވާ ލަނޑުދަޑިތައް ޙާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުން ހިމެނެއެވެ.
މިޑިކްލެރޭޝަނަކީ ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމާ، ބައްޔަށް އެކަށީގެންވާ ފަރުވާދޭނެ ނިޒާމްތައް ޤާއިމްކުރުމާ، ބަލި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ބާރުއެޅުމުގެ އިތުރުން މިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ތަންފީޒްކުރުން އަވަސްކުރުމަށް ބާރުއެޅުމަށް އެކުލަވާލި ޑިކްލެރޭޝަނެކެވެ.ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މިބައްޔަކީ ކުރިޔާލާ ދެނެގަނެވިއްޖެނަމަ ބޭސް ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔަކަށްވާތީ ޢާއްމުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިއަހަރުގެ ދުނިޔޭގެ ކެންސަރުދުވަހުގެ ޝިއާރަކީ "އައި އޭމް އެންޑް، އައި ވިލް"އެވެ.
މިޝިޢާރުގެ މަޤްސަދަކީ ކެންސަރު ބަލި ނައްތާލުމަށް، ނުވަތަ ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތެއް ގުޅިގެން އަދި ވަކިވަކި ފަރުދުންގެ ގޮތުގައި މަސައްކަތްކުރުމަށް ބާރުއެޅުމެވެ. ކެންސަރު ބަލި ކޮންޓްރޯލްކުރުމަށާއި މިބައްޔަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ދަނީ ކެންޕެއިންތައް ކުރަމުންނެވެ. ރާއްޖޭގައިވެސް ކަމާބެހޭ ފަރާތްތައް ގުޅިގެން ދަނީ ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމާ، ކެންސަރަށް ޓެސްޓް ކުރުމާ، ބަލިޖެހިފައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކާ، އަމިއްލަ ޖަމްޢިއްޔާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.ކެންސަރު ބައްޔާގުޅޭ ބައިނަލްއަޤްވާމީ ތަފާސްހިސާބުތަކަށް ބަލާއިރު - ދުނިޔޭގައި މަރުވާ ކޮންމެ 6 މީހަކުން އެކަކު މަރުވަނީ ކެންސަރު ބަލީގެ ސަބަބުންނެވެ.
މީގެތެރެއިން ބާވީސްއިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކެންސަރު ޖެހުމުންނެވެ. އަދި 33% މީހުންނަށް ކެންސަރު ޖެހެނީ ފޮނި، ލޮނު ގަދަ ކާތަކެތި ބޭނުންކުރުން އިތުރުވުމާއި އަދި ހެލިފެލިވެ ނޫޅުމުގެ ސަބަބުންނެވެ. 2015 ވަނަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެންސަރު ބަލީގައި 8.8 މިލިއަން މީހުން މަރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ކެންސަރ އުފެދެނީ އާދައިގެ ސެލްތައް އާދަޔާ ޚިލާފަށް ބޮޑުވެ، ޓިއުމަރަށް ބަދަލުވުމުންނެވެ. އުމުރުން ދުވަސްވެފައިވާ މީހުންނަށް ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. ނަމަވެސް ކެންސަރު ބައްޔަކީ %30-50 ރައްކާތެރިވެވޭނެ ބައްޔެކެވެ.
2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން %84 މީހުން މަރުވާއިރު މީގެތެރެއިން 17% މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. 2016 ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ޢާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރެވެ. އަދި ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަރވައިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. މިގޮތުން 2018 ވަނައަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ. މީގެ ތެރެއިން 30% ނުވަތަ 50% ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލީގެ، ހިރާސްތަކާއި ދުރުވުމުން އެފަދަ ބަލިތަކުން ސަލާމަތްވެ ހުރެވޭނެ ފަދަ ކެންސަރު ބަލިތަކެވެ. ކެންސަރުގެ ހިރާސްތަކުގެ ތެރޭގައި ދުންފަތް، އިރުގެ ދޯދިތައް، ދުފާ ފުވައް، ހެޕަޓައިޓިސް ބީ/ ހިއުމަން ޕެޕިލޯމާ ފަދަ ވައިރަސް އަދި ރޭޑިއޭޝަން ފަދަ ރޭޑިއޯ އެކްޓިވް މާއްދާތައް ހިމެނެއެވެ.
ކެންސަރުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދުންފަތާ، ރަލުގެ ބާވަތްތައް ބޭނުން ނުކުރުން، އާދަޔާ ޚިލާފަށް ފަލަވުމުން ސަލާމަތްވުމަށް ކަސްރަތުކޮށް ހެލިފެލިވެ އުޅުން، ތާޒާ މޭވާ އަދި ތަރުކާރީ ބޭނުންކުރުން، އުޅޭ ތިމާވެށި ޞިއްޙަތައް ރައްކާތެރި ތަނަކަށް ހެދުން އަދި އަލްޓްރާ ވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިވުން ހިމެނެއެވެ. ކެންސަރު ބައްޔަކީ ބަލި ޖެހޭތާ ކުރީކޮޅު އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ބަލިން މިހާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. އެހެންކަމުން ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމާ، ބައްޔަށް ޓެސްޓްކުރުން އަދި ބަލި ޖެހިއްޖެނަމަ އެކަށީގެންވާ ފަރުވާ ލިބުމަކީ މުހިންމުކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް