މާލޭގައި ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލުހޯދުމަށް މާލޭ ސިޓީގައި 5،000 ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި އެވެ.
އެމަނިކުފާނު ވިދާޅުވީ މާލެއަށް އަމާޒުކޮށް ރޭވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިމާވި ސަބަބުތަކާ ހެދި މަޑުޖެހުނީ ކަމަށެވެ. އެކަމަކު މިހާރު އެ މަޝްރޫއުތައް ފެށިގެން ކުރިޔަށް ދާ ކަަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް މިހާރު ވެސް ފަށައިފި އެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2،000 ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މި ހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ފްލެޓްތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ މެއި މަހު އެވެ. ރައީސް ވިދާޅުވީ މި ފްލެޓުތަކުގެ އިތުރުން އަޅަން ނިންމާފައިވާ 2،000 ފްލެޓާ އެކު މި އަހަރު ނިމުމުގެ ކުރިން 5،000 ފްލެޓު އިމާރާތް ކުރަން ފަށާނެ އެވެ.
މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ވިދުވި އެވެ.
އަތޮޅު ތެރޭގައި ކުރިޔަށް ގެންދާ ހައުސިން މަޝްރޫއުތަކާއި ގުޅޭގޮތުން ވިދާޅުވީ ޅ. ނައިފަރާއި ބ. ތުޅާދު އާއި ތ. ތިމަރަފުށީގައި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ދާއިރު މ. ކޮޅުފުށީގައި މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް