މިއަހަރު އަލަށް ހުޅުވާ 18 ރިސޯޓުން 9،000 ވަޒީފާ އުފެދޭނެ: ރައީސް

މިއަހަރު ރާއްޖޭގައި މުޅިން އަލަށް 18 ރިސޯޓެއް ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ...

04 Feb 2021 | 04:24

މިއަހަރު ރާއްޖޭގައި މުޅިން އަލަށް 18 ރިސޯޓެއް ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި އެވެ.

ރައީސް ވިދާޅުވީ އަލަށް ހުޅުވާ 18 ރިސޯޓާއި އެކު 5،062 ޓޫރިސްޓު އެނދު އިތުރުވެގެން ދާނެ އެވެ. އަދި 9،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ހީނަރުވެފައިވާ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ދާއިރާ ފުޅާކުރުމަށްޓަކައި ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރަން ކޮންމެ އަހަރަކު މީހުން ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހުން ބިނާ ކުރުމަށް ކުރުމަށް މަދުވެގެން 1200 ޒުވާނުން ތަމްރީނު ކުރާނެ ކަމަށެވެ. މީހުން ބިނާ ކުރާ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާއާއި އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް އަލުން ދިރުވާއިރު އޭގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަމާޒެއް ކަަމަށެވެ. އެ އަމާޒަށް ވާސިލްވާން ރަށު ޓޫރިޒަމް ފުޅާކޮށް، ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރަށްރަށުން ބިން ދޫކުރަން އޮތީ ނިންމައިފަ އެވެ.

ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ، ޓޫރިޒަމްގެ ފުޅާކުރަން ކުރާ މުހިއްމު ކަމެއް ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް