ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކޮށްދޭން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެޗްއާރުސީއެމުން ބުނީ އެފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައިދޭ ފައިސާގެ އަދަދު އިތުރުކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ދަފްތަރު އެކުލަވާލާފައިނުވާ ކަމަށާއި އެކަން ވީހާވެސް އަވަހަށް ކުރުމަށް ގޮވާލާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުން މުހިއްމު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. އެ ކޮމިޝަނުން ވަނީ ދަތުރުފަތުރުކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދައުލަތަށް ގޮވާލާފައި އެވެ.
އެޗްއާރްސީއެމުން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޯވިޑް-19 ގައި ހައި ރިސްކު މީހުންނެވެ. އަދި އެފަދަ މީހުންނަށް އެކަމާ ގުޅިގެން ދޭ މައުލޫމާތުތައް ރަނގަޅަށް ނުދެވުމުގެ ފުރުސަތު ވެސް އޮންނާތީ އެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ބުންޏެވެ. އެހެންވެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތަކަށް ވާސިލްވެވޭނެ ފަސޭހަ މަގެއް ހޯދައިދިނުން މުހިންމު ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ގެއްލިގެން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 72 މައްސަލައެއް އެޗްއާރުސީއެމަށް ހުށަހަޅައިފައިވެ އެވެ. އޭގެ ތެރޭގައި އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި، އިހުމާލުގެ މައްސަލަތަކާއި، އެފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރަން އާއިލާއިން އެދިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި ދައުލަތުން އިހުމާލުވުމާއި ދޭން ޖެހޭ މާލީ އެހީތެރިކަން ނުދިނުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ކުރިއަށް ވުރެ ފުރިހަމައަށް ބިނާކުރުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭ، ދެމެހެއްތެނިވި މުޖުތަމައުއެއް ކޯވިޑް-19 އަށް ފަހު ބިނާކުރުން" އެވެ.
އެ ޝިއާރުގެ މަގްސަދަކީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރަމުން އަންނަ މަސައްކަތުގައި ނުކުޅެދޭ މީހުން ބައިވެރިކޮށް ހިދުމަތްތައް ފަސޭހައިން ލިބޭނެ ދެމެހެއްޓެނިވި ގޮތަކަށް ގައުމު ބިނާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް