ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލް އިން ބައެއް ހަރަކާތްތައް ހިންގައިފިއެވެ.
މި ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑީވްސް ޑެފް އެސޯސިއޭޝަނަށް ވަނީ 30،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށްގެންދިޔުމަށެވެ. އެ ޖަމިއްޔާގެ މެންބަރުންވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފައެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގުމަށް ވަނީ ނިންމާފައެވެ.
މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއަރވެސް ހަދިޔާކުރުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށްވުރެ ގިނަ ވީލްޗެއަރ ވަނީ ހަދިޔާކުރެވިފައެވެ.
މިއަހަރު ޖަނަވަރީ މަހު ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތިވެސް ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް