ސިލްސިލާ ވާހަކަ: ޒާރާ - ފަންސާސް ތިންވަނަބައި

''ދެން ކިހިނެއް ހަދާނީ....... ޖީނާ ހުއްޓާ ނިކުންނާކަށް ނުކެރޭނެ....... އަހަންނަށް މިހެދުނީ ވަރަށް ބޮޑު ގޯހެއް.......'' ޒާރާގެ ހިތުގައި އުތުރި އަރަމުންދާ އުދާސްތައް ދުލުން ބޭރުވެގެންދިޔައެވެ. އަމިއްލަ ...

03 Dec 2020 | 08:13

''ދެން ކިހިނެއް ހަދާނީ....... ޖީނާ ހުއްޓާ ނިކުންނާކަށް ނުކެރޭނެ....... އަހަންނަށް މިހެދުނީ ވަރަށް ބޮޑު ގޯހެއް.......'' ޒާރާގެ ހިތުގައި އުތުރި އަރަމުންދާ އުދާސްތައް ދުލުން ބޭރުވެގެންދިޔައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އެފަދަ ކަމެއް ޒާރާކުރީ ކީއްވެހެއްޔެވެ. ކުޑަކުޑަކަމެއް ފޮރުވަން ހަދައިގެން ޒާރާއަށް މިކުރެވުނީ އަދި މާބޮޑުކަމެކެވެ.

ފަހުދު ހުރީ ޒާރާގެ ހަރަކާތްތަކަށް ބަލާށެވެ. އިސްޖަހާލައިގެންހުރި ޒާރާ އާ މެދުގައި ވިސްނާލަން އޭނާގެ ހިތް މަޖުބޫރުކުރުވައިފިއެވެ. ދެވަނަފަހަރަށް ފަހުދު ދޮރު ހުޅުވާލީ ޖީނާ ހިނގައްޖެކަން ޔަގީންކުރުމުގެ ގޮތުންނެވެ. ޒާރާ އެކޮޓަރިން ނިކުތުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. ޖީނާ ނެތްކަން ޔަގީންވުމުން ޒާރާ ކޮޓަރިން ނިކުރެވެ.

ޒާރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތް ހުއްޓުނުކަހަލައެވެ. ހުރިތަނަށް ޒާރާ ގަނޑުވިކަހަލައެވެ. ކާމޭޒު ކައިރީ ހުރެފައި ޒާރާގެ ކުރިމައްޗަށް އެ ނިކުތީ ނާޒިމާއެވެ. ޒާރާއަށް ބަލާލެވުނީ ނާޒިމާގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ މަލާމާތުގެ ހިނިތުންވުމެކެވެ. ނޫނީ އެއީ ޒާރާއަށް ހީވާގޮތް ބާވައެވެ. ޒާރާއަށް އިސްޖަހާލެވުނެވެ.

''ކޮންތާކުން ތިއައީ........ޖީނާ ކިހާއިރެއް ދަރިފުޅު ހޯދާތާ........'' އަތުގައި އޮތް މަސްރޮށިން އެތިކޮޅެއް ކާލަމުން ނާޒިމާ ބަލާލީ ޒާރާގެ މޫނަށެވެ. އެ މޫނުން ކޮންމެވެސް އެއްޗެއް ދެނެގަނެވޭތޯ މަސައްކަތް ކުރަނީހެން ހީވެއެވެ.

އެހާލޯބިން ނާޒިމާ ވާހަކަދެއްކުމުންވެސް ޒާރާ ޖަވާބެއް ނުދިނެވެ. ދޮންމަންމައަށް ދޭނެ ޖަވާބެއް ޒާރާގެ ކިބައިގައި ނެތްކަހަލައެވެ. ނޫނީ ޖަވާބެއް ދޭން ބޭނުން ނުވަނީއެވެ. އޭނާ ލިފްޓާ ދިމާއަށް ހިނގައިގަތީ ނާޒިމާގެ މޫނަށް ބަލާލުމެއްނެތިއެވެ.

''ޒާރާ........'' ނާޒިމާ ޒާރާގެ ފަހަތުން ހިނގައިގަތެވެ. ލިފްޓަށް އެރުމުގެކުރިން އޭނާ ޒާރާއާ އަރާ ހަމަކުރިއެވެ. ލިފްޓްގެ ބަޓަންތައް ހުރި ފަރާތުގައި ނާޒިމާ ހުއްޓުނީ ގަސްދުގައެވެ. ލިފްޓް ހުޅުވަން ހުރަސްއެޅުމުގެ މަގްސަދުގައެވެ. ކަންތައްވީ ނާޒިމާ ބޭނުންވިގޮތަށެވެ.   ޒާރާއަށް މަޖުބޫރުވީ ހުއްޓޭށެވެ.

''އަހަރެން ބުނި އެއްޗެއް އިވުނުކަމަކަށްވެސް ނުހެދީމެންނު.......... ނޫނޭވާ ފެންވަރުވެސް އޮޅޭ މީހުންގެ....... އެކަމަކު ތިޔަވަރުކަމެއް ހަމަ ނުދެކެން......މިހާރު ކަލޭ ނުދެކޭ މަމީ އެއްވެސް އަގެއްހުރި މީހެއްކަމަކަށް........މަ ބަލާނަން ކިހާދުވަހަކުތޯ އުޅެވެނީ ތިޔަގޮތަށް.........'' ނާޒިމާ ފަތިވަރު އަމުނާލިއެވެ.

''އަހަރެން ދާންވެއްޖެ......'' ޒާރާ އަތްދިއްކޮއްލީ ލިފްޓް ހުޅުވާށެވެ. އެހެންނަމަވެސް ލިފްޓްގެ ބަޓަންގައި އަތްލެވުމުގެ ކުރިން ޒާރާގެ އަތުގައި ނާޒިމާ ހިފެހެއްޓިއެވެ.

''ދަންޏާ ދޭ...... މިއަދަކު ނުކެރޭނެ ލިފްޓަށް އަރާކަށް....... އެހެރީ ސިޑި....... ކަލެއަށް އެރޭނެ ސިޑިންވެސް....... ނޭރެންޏާ ފަހުދަށް ގޮވާ....... އޭރުން އެރޭނެ....... ބަލަ... މަ އެބަ ދެކެމޭ ތި ގަންނަ ހުރިހާ ގަނޑެއް.......  ދެންމެ ކަލެއާ ފަހުދު ދެއްކި ހުރިހާ ވާހަކައެއް މަ އަޑުއެހިން........ ޔަގީންކުރަން ބޭނުންތަ.....ކިޔާދީފާނަން........'' ނާޒިމާ ބުނި އެއްޗަކުން ޒާރާ ފިނިވެއްޖެއެވެ. އަވަސްއަވަހާ އެސްފިޔަތައް ތަޅުވާލެވުނީ ހާސްވިވަރުންނެވެ.

''އަނހާ....... ދެމައިން މިތާނގަ......... '' ލިފްޓްގެ ދޮރު ހުޅުވުމާއެކު ސަރިފާ ނިކުންނަމުން ދެމައިންގެ މޫނަށް ބަލާލިއެވެ. އެވަގުތު ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

''ދަނީ މަންމާ.......މަންމަ ހިނގާބަލަ އަހަންނާއެކު......'' ޒާރާ ބަލާލީ ސަރީފާގެ މޫނަށެވެ. އޭނާ ބޭނުންވީ ނާޒިމާ އެއްޗެކޭ ކިޔުމުގެކުރިން އެތަނުންދާށެވެ. އަދި ސަރީފާވެސް އޭނާއާ އެކުގައި ގެންދާށެވެ. ނާޒިމާއަށް ވާހަކައެއް ދައްކާނެ އެއްވެސް ފުރުސަތެއް ލިބުނަ ނުދިނުމަށެވެ.

ޒާރާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެވަގުތު ސަރީފާއަށް އިހްސާސްކުރެވުނެވެ. ޒާރާގެ މޫނުމަތިން ފެންނަމުންދިޔަ އުދާސްކަމާ ކަންބޮޑުވުން ސަރީފާ ދެނެގަތީ ނިކަން އަވަހަށެވެ. އަވަސްއަވަހާ ލިފުޓު ހުޅުވުމަށްފަހު ސަރީފާ އާއި ޒާރާ ލިފުޓަށް އެރިއެވެ. ނާޒިމާ އެނބުރި ދިޔައީ ކާމޭޒާ ދިމާއަށެވެ.

ކޮޓަރިއަށް ގޮސް ވަދެވުމާއެކު ޒާރާ އެނދުގައި އޮށޯވެލިއެވެ. ދެލޯ މަރާލައިގެން އޮތަސް ސިނކުޑީގައި ވަނީ ހުޅުރޯވެފައެވެ. ޒާރާ މާބޮޑަށް ވަރުބަލި ވީކަމަށް ހީކޮށް ސަރީފާ މާ ގިނައިން ސުވާލުކުރާކަށް ބޭނުމެއް ނުވިއެވެ. ކޮޓަރީގައި އިރުކޮޅަކު މަޑުކުރުމަށްފަހު ސަރީފާ ނިކުމެގެން ދިޔައީ ޒާރާއަށް ނިދުނީ ކަމަށް ހީކޮށެވެ.

********************

''އައްދެ....... ކޮންފިކުރެއްގަ.....ކަމަނާ.......'' ނާޒިމާގެ އަޑު ނުހަނު ކައިރިން އިވުމާއެކު ޒާރާ ސިހިގެން ދިޔައެވެ. އެގޮތަށް ނާޒިމާ އެކޮޓަރިއަށް މީގެކުރިން ވަދެފައެއް ނުވެއެވެ. ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެން ޒާރާ އާ ދިމާލަށް ބަލަން ނާޒިމާ ހުއްޓެވެ. މާލެ އައިފަހުންވެސް ބައްޕަ އާ ކިތަންމެ ގިނައިން ވާހަކަދައްކާ ހެދިޔަސް ނާޒިމާ އާ ޒާރާ ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެކެވެ. އެކަމާވެސް ނާޒިމާ މިހާރު ޝަކުވާކޮއްފިއެވެ. ނުކިއްސަރުކޮށް ޒާރާއަށް މަލާމާތްވެސް ކޮއްފިއެވެ. މުއްސަނދި ރީތި ދިރިއުޅުމެއް ފެނުނީމާ ފެންވަރު އޮޅިއްޖެ ކަމަށް ބުނެ ބަހުން ޖަހައިފިއެވެ. ކުއްޅަވައްފަލު ރަނިން ނަށް ނުވިއްޔާ ދެރައޭ ބުނި ދުވަހު ޒާރާ ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ. ބުނަންވީ ވެސް ކީއްކުރަން ހެއްޔެވެ. ޒާރާއަށް ބޭނުންވާ ލޯތްބާ އަޅާލުމުން އެންމެ ތަންކޮޅެއްވެސް ނާޒިމާއަކަށް ނިގުޅައެއް ނުގަނެވޭނެކަން ޒާރާއަށް އެނގެއެވެ.

'' ޑޮކްޓަރަށް ދައްކާފަދޯ ތިއައީ......'' ނާޒިމާ ކޮއްލި ސުވާލުން ޒާރާގެ ހިތް ތެޅިގަތެވެ. ނާޒިމާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލެވުނެވެ. ސުވާލުގެ ބެލުމަކުންނެވެ.

''ނޭނގުނު ދޯ...... މިބުނީ އިމްރާން ނޫޅޭގަޑި ބަލާފަ ،ފަހުދު ފަހުދުގެ ކޮޓަރިއަށް ތިވަނީ ޑޮކްޓަރަށް ދައްކަންހޭ........'' ފަހުދުގެ ނަން އިވުމާއެކު ޒާރާގެ މޫނުމަތިން ފެނިގެންދިޔަ އުދާސްކަން ދެނެގަންނާކަށް ނާޒިމާއަކަށް އުނަދަގުލެއް ނުވިއެވެ. އެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަކަން އެއީ ނާޒިމާއަށް ކުރެވުނު ކުށް ހީ އެއް ނޫނެވެ.

''ކީއްވެ އެއްޗެކޭ ނުބުނީ........ މި މަންމަ ވަރަށް ހުޝިޔާރުވާނެ އިނގޭ......... އެކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ ތި ޒާރާއަށް........'' ނާޒިމާ އެއްވެސް ޖެހިލުމެއް ނެތި ޒާރާގެ މަގަތުން އެނދުގައި އިށީދެލިއެވެ. އެމަންޒަރު ފެންނަ މީހަކަށް ހީވާނީ ނާޒިމާއާއި އޭނާގެ ދަރިފުގެ ގުޅުން ވަރަށް ވަރުގަދަ ކަމުގައެވެ.   އަދި އެ ދެމައިންގެ ދެމެދުގައި ވާ ގުޅުމަކީ،  މަންމަ އަކާއި ދަރިއަކާ ދޭތެރޭ އޮންނަންޖެހޭ މާތް ގުޅުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތް ގުޅުމެއްކަމުގައެވެ. އެތާ ނާޒިމާ އެއިނީ ޒާރާދެކެ ނުހަނު ލޯބިވާތީކަމުގައެވެ. ހީކުރެވޭނީވެސް އެހެން ވަކި ކޮންއެއްޗެއް ހެއްޔެވެ.

ޒާރާ ދެންވެސް އިޚްތިޔާރުކީ ހަމަހިމޭން ކަމެވެ. އިރުއިރުކޮޅަކާ ގަޑިއަށް ބަލާލެވެނީ އިމްރާން ގެއަށް އައުން  ލަސްވަމުން ދާތީއެވެ. އިމްރާން އައުމުން ނާޒިމާގެ ކިބައިން ސަލާމަތް ވެވޭނެތީއެވެ. ހިތާހިތުން އެދެވެމުން ދިޔައީ އިމްރާން އަވަހަށް ގެއަށް އައުމަށެވެ. ޒާރާގެ ހަމަހިމޭން ކަމުން ނާޒިމާއަށް އުނދަގޫ ވާން ފެށިއެވެ. އޭނާ ރޭވި ހުރިހާ ރޭވުމެއް ބޭކާރުވެގެން ދާތަން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ.

''ފަހުދު ދޯ ރަނގަޅީ....... މިބުނީ އިމްރާނަށް ވުރެ........'' ޒާރާގެ ހިތުގެ ވިންދު އަވަސްވަމުންދިޔައީ ނުހަނު ހަލުވިކަމާއެކުގައެވެ. ނާޒިމާ އެއުޅެނީ ކީކޭ ކިޔަން ބާވައެވެ. ޒާރާއަށް ވިސްނުނީ ފަހުދުގެ ކޮޓަރިން އޭނާ ނިކުތްތަން ނާޒިމާއަށް ފެނުނީ ކަމުގައެވެ.

''އަސްލު ޒާރާއާ ގުޅެނީ ފަހުދު....... ކުރީދުވަހުގެ މަންޒަރު ފެނުނީމަ އެކަން މަންމައަށް އެނގުނީ....... ދަރިފުޅާ އެންމެ  ގުޅެނީ ހަމަ ފަހުދު.......ކާމޭޒުކައިރިން..... އެހާ ގައިގޯޅިކޮށް ފެނުނީމަ ހަމަ އަޅާ ކިޔާލެވުނީ........'' އޭނާއަށް ކުރީދުވަހު ފެނުނު މަންޒަރުގެ ވާހަކަ ޒާރާއަށް އިއްވާލިއެވެ. ޒާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެދުވަހު ކާމޭޒުކައިރީގައި ހިނގާދިޔަ ކަންތައްތައް ނާޒިމާއަށް ފެނުނީބާވައެވެ. ނޫނީ ކޮޓަރިތެރޭގައި ހިނގި ކަންތައް ނާޒިމާއަށް އެނގުނީ ބާވައެވެ. ޒާރާއަކަށް ނޭނގުނެވެ. ނޫނީ ފަހުދު އެއްވެސް އެއްޗެކޭ ކީ ބާވައެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ފަހުދަކީ ނާޒިމާއާ ވާހަކަ ދައްކާ މީހެއް ނޫނެވެ. ޒާރާއަށް އެފަދަ މަންޒަރެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.

''އެއީ އެކްސިޑެންޓެއް........ އެވާހަކަ  ދެއްކުމުގެ ބޭނުމެއް ނެތް......'' ޒާރާ ދިނީ ކުރު ޖަވާބެކެވެ. އޭނާ ބޭނުންވީ އެކަމަކީ އެއްވެސް މީހެއްގެ އިޚްތިޔާރުގައި ހިނގާދިޔަ ކަމެއް ނޫންކަން އަންގާށެވެ. އަދި އެވާހަކަ އިތުރަށް ނާޒިމާ ދައްކަފާނެތީ ޒާރާ ކަންބޮޑުވިއެވެ.

''އެކްސިޑެންޓެއް ދޯ....... ގަބޫލުކޮށްފިން........ އެކަމަކު ފަހުދު ގެ ހަރަކާތްތައްހުރި ގޮތެއްދޯ...... އިމްރާނަށް ފެނުނުނަމަ ކިހިނެއްބާ ވާނީ......އަދި މިއަދު ފަހުދުގެ ކޮޓަރީގައި ހިނގާދިޔައީ ކިހާބޮޑު އެކްސިޑެންޓެއްކަން އެނގޭނީ ފެނުނުނަމަ......ގައިމު އަޑުއެހިން ދޫކުރާށޭ ގޮވާއަޑު........'' ނާޒިމާ ހީނގަތެވެ.

''މަންމާ...... މަންމަ ތި ހީކުރާކަހަލަ އެއްވެސް ކަމެއް ނުހިނގާ.......'' ޒާރާއަށް ބުނެވުނީ ބުނަން ބޭނުންވި ވަރަށްވުރެ ބާރަށެވެ.

އެންމެ ރަނގަޅު.........ޒާރާ ބޭނުމިއްޔާ ދެން އެވާހައެއް ނުދައްކާނަން..............'' ނާޒިމާ އެނދުން ތެދުވިއެވެ.

''ކޮން ވާހަކައެއް އަނެއްކާ......'' ކޮޓަރިއަށް ވަދެގެންއައި އިމްރާނަށް އަޑުއިވުނީ ނާޒިމާ އެންމެ ފަހުންބުނި ޖުމްލަ އެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް