ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕް ހަދައި، އެ ސްލިޕް ވައިބާކޮށް ޓްރާންސެކްޝަނަށް މަކަރު ހަދާ މައްސަލައަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރުވެފައިވާ ކަން ފާހަގަ ކުރެވެނީ މާލޭގައި ކަމަށެވެ.
ފުލުހުންނަށް ހުށަހެޅިފައިވާ އެ ފަދަ މައްސަލަތުގެ ތަހުގީގުގައި އެނގިފައިވާ ގޮތުގައި ސްލިޕް ވައިބާ ކުރާ މީހުން އެކަން ކުރާއިރު ސްލިޕް އެޑިޓްކޮށް އޭގެ ތާރީހާއި ވަގުތު އެޑިޓްކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެފަދަ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާ ވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގުގައި ފާހަގަވި އިތުރު ކަންކަމާއި ގުޅޭގޮތުން ފުލުހުން ބުނީ މި ފަދަ މައްސަލަތައް ދިމާވެފައިވާ ގިނަ ފިހާރަތަކުގެ ފޯނަށް ޓްރާންސްފާ ސްލިޕް ވައިބާ ކުރުމުން، އެ ފައިސާ އެކައުންޓަށް ޖަމާވޭތޯ އާންމުކޮށް ފިހާރައިގެ ސޭޓުން، ނުބަލާ ކަމަށެވެ. ސްލިޕްގައި އިންނަ އެކައުންޓްގެ ނަންބަރު ރަނގަޅުތޯ ވެސް ބައެއް ފަހަރު ކަށަވަރު ނުކުރާކަމަށް ފާހަގަވެފައިވާ ކަމަށް ބުނެ އެވެ.
މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވާން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާ، އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް