ދިވެހި ހުރިހާ ރައްޔިތުންނަށް ސަރުކާރުން ކޯވިޑް-19 ގެ ވެކްސިން ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ ވެކްސިން ރާއްޖެއަށް ލިބެންވާއިރަށް ހެލްތް މިނިސްޓްރީން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން އެޕްރޫވްކޮށްގެން ވެކްސިން ނުކުންނަ އިރަށް ރާއްޖެއަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޑރ. ޝާހު ވިދާޅުވީ ކޯވިޑް ވެކްސިން ރޭހުގެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތްކުރަމުންދަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިން ކަމަށެވެ. އެ ދެ ވެކްސިނަށް އިސްކަން ދެނީ ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ރާއްޖޭގެ މާހައުލަށާއި ވެކްސިންގެ ނަތީޖާ އަށް ބަލާ އިރު އެންމެ އެކަށީގެންވަނީ އެ ދެ ވެކްސިން ކަމަށް ބެލެވޭތީ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ވަނީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީން ގައި ބައިވެރިވެފައި އެވެ. މި ޕްރޮގްރާމްގެ ތެރެއިން އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެ 20 ޕަސެންޓުގެ ތެރެއިން ފުރަތަމަ ލިބޭނީ ތިން ޕަސެންޓު ވެކްސިން ކަމަށާއި އެ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި ކޯވިޑްގެ ބަލި މީހުންނާއި ސީދާ ބައްދަލުވާން ޖެހޭ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ. އަދި ބާކީ 17 ޕަސެންޓު ވެކްސިން ދޭނީ އުމުރުން ދުވަސްވީ މީހުންނާއި ދިގުމުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުންނަށެވެ.
އާބާދީގެ ބާކީ ބަޔަކަށް ވެކްސިން ދޭނީ ސަރުކާރު ހަރަދުގައި އެވެ. އެކަން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހާމަ ކުރައްވާފައި އެވެ.
މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ އަންނަ އަހަރު ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރޭގައި ކޯވިޑްގެ ވެކްސިން ނުކުމެއްޖެ ނަމަ ވެކްސިން ގަތުމަށް ބޭނުންވާ ވަރަށް ފައިސާ ހިމަނާފައިވާނެ ކަމަށެވެ.
އެޗްއީއޯސީން ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބެން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް